ދިވެހިބަހުގެ އެކެޑަމީން ބާއްވާ، ތިން މުބާރާތެއް އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ ހެނދުނު 08:00ގައި މުޅި ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.
ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވަނީ، 2026ވަނަ އަހަރު އެ އެކެޑަމީން ބާއްވާ މުބާރާތްތަކުގެ ތެރެއިން، ދިވެހި ބަހުގެ އަދީބު، ޖަމީލް ދީދީގެ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 41 ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މާލިން މޫސާ މާފަތްކަލޭފާނުފެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 38ވަނަ ޤައުމީ މުބާރާތާއި، ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ މުބާރާތެވެ.
3 ދަންފަޅިއަކަށް ބަހާލައިގެން މި މުބާރާތްތައް ކުރިއަށް ދާނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެއްވަގުތެއްގައެވެ. ބަހުގެ އެކެޑަމީން ވިދާޅުވީ މި މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވާކަމަށާއި، ޖުމްލަ 105 ސްކޫލަކުން ވާދަކުރާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ 23 ސްކޫލާއި، ރާއްޖޭގެ އެހެން ސަރަހައްދުތަކުން 82 ސްކޫލެވެ. މި މުބާރާތް ޖުމްލަ 90 މަރުކަޒުގައި ބާއްވާނެއެވެ.
މި އަހަރު މަޒްމޫން ލިޔުމުގެ މުބާރާތުގައި 1185 ފަރާތުން ބައިވެރިވެއެވެ. އެއީ ޅެންހެދުމުގެ މުބާރާތުގައި 565 ބައިވެރިންނާއި ވާހަކަ ލިޔުމުގެ މުބާރާތުގައި 1131 ބައިވެރިންނެވެ.
މުބާރާތުގެ ބައިވެރިންގެ ތެރެއިން އަތޮޅުތަކުގެ ދަރިވަރުން މުބާރާތުގައި ލިޔާނީ އެ ދަރިވަރުން ނިސްބަތްވާ ރަށުގައި، ކަނޑައަޅާ މަރުކަޒެއްގައެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ލިޔާނީ ތާޖުއްދީން ސްކޫލްގައެވެ.
އަމިއްލަގޮތުން ވާދަކުރާ ފަރާތްތަކުން ލިޔާނީ، އެ ފަރާތަކުން ރަޖިސްޓްރީވެފައިވާ ފޯމުގައި މިހާރު ދިރިއުޅޭ ރަށުގެ ގޮތުގައި ހިމަނާފައިވާ ރަށުގައި، އެކެޑެމީން މުބާރާތް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ތަނެއްގައެވެ.
މި އަހަރުގެ މުބާރާތްތަކަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން ޅެން ހެދުމާއި، މަޒުމޫނު ލިޔުމުގެ މުބަރާތުގެ ގުރުއަތުލުން އޮންނާނީ ވެބް ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލް އަށް ވަނުމަށް ކޮންމެ މަރުކަޒަކަށް ވަކި ޔޫޒަރ ނަމަކާއި ފާހެއް ހިއްސާކުރާނެއެވެ.
މީގެއިތުރުން ކުރުވާހަކަ ލިޔުމުގެ މުބާތުގެ އަމިއްލަ ފަރާތްތަކުގެ ބައިން، 18 އަހަރުން މަތީގެ އުމުރުފުރާގެ ބައިވެރިން ވާހަކަ ލިޔާ ދާއިރާތަކުގެ ގުރުއަތުލުން އޮންނާނީ ވެސް ވެބްޕޯޓަލް މެދުވެރިކޮށެވެ. ކުރުވާހަކަ ލިޔުމުގެ އެހެން އުމުރުފުރާތަކުގައި ގުރުއަތެއް ނުނަގާނެއެވެ.