ޚަބަރު

ޕީޕީއެމް ކައުންސިލުން 3 މެމްބަރަކު ވަކިކޮށްފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ކައުންސިލުގައި ހިމެނިވަޑައިގެންނަވާ 3 މެމްބަރަކު ކައުންސިލު މެމްބަރުކަމުން ވަކިކުރަން ނިންމަވައިފިއެވެ. 

ޕީޕީއެމްގެ ކައުންސިލުން ވަކިކުރައްވަން ނިންމެވި 3 ބޭފުޅުންނަކީ، އެޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ އާއި ކައުންސިލް މެމްބަރ ޒާހިދު ރަމީޒާއި ޕީޕީއެމްގެ ޒުވާނުން ގޮފީގެ ރައީސް އިބްރާޙީމް ޔޫސުފެވެ. މި 3 މެމްބަރުން ވަކިކުރައްވަން ނިންމެވިކަން އަންގަވާފައިވަނީ 3 ބޭފުޅުންނަށް ވަކިވަކީން ޕީޕީއެމްގެ ރައީސް މައުމޫން ފޮނުއްވި ސިޓީފުޅުތަކެއްގައެވެ.

މައުމޫން ފޮނުއްވި ސިޓީފުޅުގައި އަބްދުއްރަހީމް ވަކިކުރެއްވި ސަބަބެއްކަމަށް ވިދާޅުވެފައިވަނީ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް މަސައްކަތްކުރައްވަމުން ގެންދަވާތީކަމަށެވެ. އަދި ކައުންސިލް މެމްބަރުކަމުން އަބްދުއްރަހީމް ވަކިކުރުރެއްވުމުން، ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމުވެސް އޭނާއަށް ގެއްލިވަޑައިގެންފައިވާކަމަށް މައުމޫން ފޮނުއްވި ސިޓީފުޅުގައިވެއެވެ. 

ޒާހިދު ރަމީޒް ކައުންސިލުން ވަކިކުރަން ނިންމެވީ، ސޯޝަލް މީޑިއާގައި އޭނާ ބޭއަދަބީ ބަސްތައް ބޭނުންކުރަމުންދާތީކަމަށް މައުމޫން ފޮނުއްވި ސިޓީފުޅުގައިވެއެވެ. އަދި ޒުވާނުންގެ ގޮފީގެ ރައީސްކަމުން އިބްރާހިމް ޔޫސުފް ވަކިކުރީ، ޒުވާނުންގެ ގޮފީގެ މެމްބަރަކަށްވުމަށް ޝަރުތު ހަމަވާ އުމުރަށްވުރެ ދޮށިވުމުންކަމަށް މައުމޫން ފޮނުއްވި ސިޓީފުޅުގައިވެއެވެ.

ޕީޕީއެމް ކައުންސިލުން 3 މެމްބަރަކު މިއަދު ވަކިކުރިއިރު، ޕީޕީއެމްގެ ރައީސް މައުމޫން ވަނީ ހޯމް މިނިސްޓަރުކަމުގެ މަޤާމުން އިސްތިއުފާދެއްވި އުމަރު ނަސީރު މިއަދު ކައުންސިލަށް އައްޔަންކުރައްވާފައެވެ.