ޚަބަރު

ދަރަވަންދޫގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


  • ރުއްގަހަށް ފެތުރެމުންދާ ބަލި ކޮންޓްރޯލްކުރުމަށްޓަކައި ފަންނީ އެހީތެރިކަމަށް އެދުނު

  • ފަރުމަސް ވެރިކަން ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު

ބ. ދަރަވަންދޫ ފަރުމަސްވެރިކަން ކުރިއެރުވުމާއި، ރުށްގަހައްޖެހޭ ބަލިތަކާ ގުޅޭގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާއި އެރަށު ކައުންސިލާ ދެމެދު މަޝްވަރާކޮށްފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ އެރަށުގެ ކައުންސިލާއި ބައްދަލުކުރައްވައި މުހިންމު ގިނަ ކަންތައްތަކާ ގުޅޭ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި، މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ޚާއްސަކޮށް ދަރަވަންދޫގައި ފަރުމަސް ވެރިކަން ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް ވަނީ ވާހަކަދައްކަވާފައެވެ. މީގެ އިތުރުން، ދަރަވަންދޫގައި ރުއްގަހަށް ފެތުރެމުންދާ ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެ ވުޒާރާގެ ފަންނީ އެހީތެރިކަން ބޭނުންވާކަން ދަރަވަންދޫ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށްޓަކައި މަސްވެރިކަމާއި ބެހޭ ވުޒާރާއިން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ތައް ދަނީ ހިނގަމުންނެއެވެ. މެރިން ހެޗަރީ ޕްރޮގްރާމްފަދަ ފްރޮގްރާމްތަކަކީ، ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމްތަކެވެ.

ދިވެހިރާއްޖޭގެ ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ. ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ރާއްޖޭގެ އިތުރުން ރާއްޖޭގެ ބޭރުގެ ފަރާތްތަކާއެކުވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ރުއްތަކަށް ޖެހޭ ބަލިތަކާއި ރުކު މަޑި ކޮންޓްރޯލްކުރުމަށް ޗައިނާއާއެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން ގަސްތަކަށް ޖެހޭ ބަލިތައް ތަހުލީކުރުމަށް ޤައުމީ ލެބޯޓަރީއެއް ޤާއިމްކޮށް ވަނީ ހުޅުވާފައެވެ.