ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެނަމާއާ ދެކޮޅަށް ނުކުންނައިރު ފެވަރިޓުންނަކީ ކްރޮއޭޝިޔާ ކަމަށާއި ނަމަވެސް މެޗު ކާމިޔާބު ކުރުމަށް ޑިފެންސް ރަނގަޅު ކުރަން ޖެހޭ ކަމަށް ކޯޗު ލަޓްކޯ ޑަލިކް ބުނެފި އެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅެ، 2022 ވަނަ އަހަރު ތިން ވަނަ ހޯދި ޓީމުގެ ކޯޗު ޑަލިކް ބުނީ އިނގިރޭސިން އަތުން 4-2އިން ބަލިވި މެޗަށްވުރެ ހުރިހާ ގޮތަކުން ވެސް މި މެޗުގައި ކްރޮއޭޝިޔާ ރަނގަޅަށް ކުޅެން ޖެހޭ ކަމަށެވެ.
"މި މެޗުގެ ފެބްރިޓުންނަކީ އަހަރުމެން. އަހަރުމެން އެބަޖެހޭ އެކަން ދައްކަން. އަހަރުމެން ޖެހޭ އެވަރުގެ ހަރުދަނާ ކަމެއް ދައްކަން. ކުރީ މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރަން. ހާއްސަކޮށް ޑިފެންސް ލައިނުން ހެދި ގޯސްތައް،" ކޯޗު ބުންޏެވެ.
2017 ވަނަ އަހަރުން ފެށިގެން ގައުމީ ކޯޗުކަން ކުރަމުން އަންނަ ޑަލިކް ބުނީ ޕެނަމާގެ އެޓޭކްތަކަށް ވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ. މި މެޗުން މޮޅުނުވެވިއްޖެނަމަ މުބާރާތުގެ ދެ ވަނަ ބުރަށް ނުދެވި ކްރޮއޭޝިޔާ ކެޓުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކޯޗު ބުނީ މި މެޗުގައި ވެސް މެދަށް ކުޅޭނީ 40 އަހަރުގެ ލޫކާ މޮޑްރިޗާއި ކޮވަސިޗް ކަމަށެވެ.
"މޮޑްރިޗް އަކީ ދަނޑުމަތީގައި އަހަރެންގެ ރައިޓް ހޭންޑް. އޭނާ މޮޅަށް ކުޅޭނެ. އޭނާގެ ލީޑަރޝިޕް އަބަދުވެސް ޓީމަށް މުހިންމު،" އިނގިރޭސި މެޗުގައި ރަނގަޅަށް ނުކުޅެވި ބަދަލު ކުރަން ޖެހުނު ކެޕްޓަނާ ބެހޭ ގޮތުން ކޯޗު ބުންޏެވެ.
މި މެޗުގެ ކުރިން ކްރޮއޭޝިޔާގެ ބޮޑު ވަޒީރު ޕްލެންކޮވިޗް ވަނީ ޓީމާ ބައްދަލުކޮށް ހިތްވަރު ދެއްވާފަ އެވެ. އޭނާ މިވަގުތު ހުންނެވީ ކެނެޑާ އަށް ކުރައްވާ ދަތުރު ފުޅެއްގަ އެވެ.