ތަޢުލީމު

ގެމަނަފުށީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ސަލްހާ އަލީ ހޮވިއްޖެ


މިދިޔަ އަހަރު ގއ. ގެމަނަފުށީ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މިދިޔަ އަހަރު އެ ސްކޫލްގެ ގްރޭޑް ބާރައިގައި ތަޢުލީމް ޚާސިލްކުރި ދަރިވަރު ސަލްހާ އަލީ ހޮވިއްޖެއެވެ.

ގެމަނަފުށީ ސްކޫލްގެ 2015 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި 2015 ވަނަ އަހަރު އެ ސްކޫލުން ފާހަގަކޮށްލެވޭ ކަމިޔާބީތައް ޚާސިލްކުރި ދަރިވަރުންނަށް އިނާމާ ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެ ތެރޭގައި އޯލެވެލް އިމްތިޚާނުން ރަން ވަނަތައް ޚާސިލްކުރި ދަރިވަރުންނާއި، ސްކޫލް ޓޮޕް ޓެންގައި ހިމެނުނު ދަރިވަރުންނާއި، ވަކިވަކި މާއްދާތަކުން އޭ ފާސް ހޯދި ދަރިވަރުނާއި، އިތުރު ހަރަކާތްތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ދަރިވަރުން ހިމެނެއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، މުޅި ސްކޫލުން ފާހަކޮށްލެވޭ ކާމިޔާބީޔައް ހާސިލްކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ، ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުޡްމާނެވެ. 2015 ވަނަ އަހަރު އެ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ، މިދިޔަ އަހަރު ގްރޭޑް ބާރާގައި ތައުލީމް ހާސިލްކުރި ދަރިވަރު، ސަލްހާ އަލީއެވެ. މި ޖަލްސާގައި ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ ކިޔެވުމާއި އެއްވަރަކަށް، އިތުރު ޙަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުމަކީ ވަރަށް މުޙިއްމު ކަމެއް ކަމުގައެވެ. އެހެންކަމުން ބެލެނިވެރިންވެސް ވިސްނަންވީ ރަނގަޅު ނަތީޖާ ހޯދުމާއި އެއްވަރަށް އިތުރު ޙަރާކާތްތަކާއި މަސައްކަތުގެ ދާއިރާއަށްވެސް ދަރިވަރުން އަހުލުވެރި ކުރުވަން ކަމަށް ޖަމީލް އުޘްމާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ޤައުމުގެ ތަރައްޤީއަށް ކޮންމެ ވަޒީފާއަކީވެސް މުހިއްމު ވަޒީފާއެއް ކަމަށާއި، ބެލެނިވެރިން ދަރިވަރުންނަސް ވިސްނައިދޭންވީ، ހަމައެކަނި ޓައި އަޅައިގެން ވަޒީފާއަށްދާން ނޫންކަމަށްވެސް ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވިއެވެ. މީގެ އިތުރުން ގެމަނަފުށީ ސްކޫލްގެ ޕްރިންސިޕަލް ދެއްކެވި ވާހަކައިގައި އެ ސްކޫލްލަކީ މުޅި އަތޮޅަށްވެސް ނަމޫނާ ސްކޫލެއްކަން ފާހަގަކުރެއްވިއެވެ.