ޞަހްޔޫނީ އިސްތިޢުމާރީ ފައުޖުން އަތްގަދަކޮށްފައިވާ ލުބްނާންގެ ދެކުނުގެ ބިންތަކުން ޔަހޫދީ ސިފައިން ބޭލުމަށް އެމެރިކާއިން އެދުނު ނަމަވެސް، އެ ސަރަޙައްދުތަކުން ފައިބަން ޔަހޫދީން ދެކޮޅު ހަދައިފިއެވެ. ޔަހޫދީ ދައުލަތުގެ ހައްދުފަހަނައެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ބުނީ، އެމެރިކާގެ ފިއްތުންތަކަށް ބެލުމެއް ނެތި ލުބްނާނަށް އަރައިގަނެ ހިންގަމުންދާ އަސްކަރީ ޙަރަކާތްތައް ކުރިއަށް ގެންދާނެ ކަމުގައެވެ. އަދި، ލުބްނާންގެ ސަރުކާރާއެކު ޚާރިޖީ ދާއިރާގެ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ލުބްނާންގެ އެތެރޭގައި ޤާއިމުކޮށްފައިވާ "ސަލާމަތީ ސަރަޙައްދު" ދޫކޮށްނުލާނެ ކަމުގައެވެ. ސަލާމަތީ ސަރަޙައްދުގެ ގޮތުގައި ޔަހޫދީން ދެކެނީ ލުބްނާންގެ ދެކުނުގައި އަތްގަދަކޮށްފައިވާ ބިންތަކަށެވެ.
ކަޓްޒް މި މޭރުމުން ބުނެފައިވާއިރު، ޔަހޫދީ ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި ޔަހޫދީ ފައުޖުގެ އިސްވެރިޔާ ވެސް ވަނީ ވެރިވެގަނެފައިވާ ލުބްނާންގެ ބިންތައް ދޫކޮށްނުލާނެ ކަމުގައި ބުނެފައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގައި ދިގު މުއްދަތަކަށް ޔަހޫދީ ސިފައިން ހަރަކާތްތެރިވަމުންދާނެ ކަމަށް ބެލެވޭ ކަމުގައެވެ. ކަޓްޒް ބުނީ، ޔަހޫދީ ސިފައިންގެ ބާރުގެ ދަށުގައި އެ ސަރަޙައްދު ބޭއްވުމަކީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ދެމުންދާ ޙަމަލާތަކުން ޔަހޫދީ ޢާންމުން ސަލާމަތް ކުރުމަށް އޮތް ހަަމައެކަނި މަގު ކަމުގައެވެ.
މާރިޗު 2 ގައި ޔަހޫދީ ސިފައިން ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެ، އެ ސަރަޙައްދުގައި ދިރިއުޅެމުން ދިޔަ އެތައް ހާސް ރައްޔިތުން ވަނީ ގަދަބާރުން ވަޒަނުން ބޭރުކޮށްފައެވެ. ކަޓްޒް ބުނީ، އެ މީހުންނަށް އެނބުރި ގެދޮރަށް ދިޔުމުގެ ފުރުޞަތު ނުދޭނެ ކަމުގައެވެ. އީރާނާ ދެކޮޅަށް ޔަހޫދީންނާއި އެމެރިކާ ގުޅިގެން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއިން ޔަހޫދީ ފައުޖުން ވަނީ ލުބްނާނަށް ވެސް ނިރުބަވެރި ޙަމަލާތަކެއްދީ، 4,000 އެއްހާ މީހުން ޝަހީދު ކޮށްލާފައެވެ. ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ ސުލްޙައިގެ އިބުތިދާއީ އެއްބަސްވުމުގެ ދަށުން ޔަހޫދީން ލުބްނާނަށް ދެމުންދިޔަ ޙަމަލާތައް ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.