ޚަބަރު

"ރައްޔިތުންގެ ބަހެއް ނެތި ސަރުކާރު ބަދަލުވާ ނިޒާމެއް ދިވެހިން ބޭނުމެއް ނުވޭ"


  • ޤައުމުގެ އެއްބައިވަންތަކަމަށް އަސަރުކުރާނެ ނިޒާމެއް ދިވެހިން ބޭނުންނުވާކަމަށް ވިދާޅުވި

  • ވެރިކަމުގެ ނިޒާމާއި މެދު ދިވެހިން މީގެ ކުރިން ގޮތެއް ނިންމާފައިވާކަމަށް ވިދާޅުވި

ރައްޔިތުންގެ ބަހެއް ނެތި ވެރިކަމުގެ ނިޒާމު ބަދަލުވާ ނިޒާމެއް ރައްޔިތުން ބޭނުން ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

'ނޭޝަން ޗެޓް' ޕޮޑްކާސްޓްގެ 2ވަނަ އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި މެދު ވަރަށް ސާފު ނިންމުމެއް ދިވެހިން ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ އަކީ ވަކިވަކި ރަށްތަކުގެ މައްޗަށް އެކުލެވޭ، ކުޑަ އާބާދީއެއް އޮތް ޤައުމަކަށް ވުމާއިއެކު، ދިވެހިން ބޭނުންވަނީ ޔުނިޓަރީ ނުވަތަ އެއްބައިވަންތަ ދައުލަތެއް އޮންނާނެ ނިޒާމެއް ކަމަށާއި، އެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށެވެ. ދިވެހިންނަކީ އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބަޔަކަށް ވާއިރު، ވެރިކަމުގެ ނިޒާމަކީ އެ ސިފަތައް ދަމަހައްޓާނެ ނިޒާމަކަށް ވުމަކީ ދިވެހިން އެދޭ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޤައުމުގެ އެއްބައިވަންތަކަން ބަދަލުކޮށްލާނެ ފަދަ ވެރިކަމުގެ ނިޒާމެއް ދިވެހިން ބޭނުންވާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

"ދިވެހިން އެދެނީ އެ ޚާއްސަ ސިފަތައް ދަމަހައްޓަން. އެހެން ނިޒާމެއް ގެނެސްގެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލެން ދިވެހިން ބޭނުންވާނެކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. މަދު ބަޔަކު އެގޮތަށް ތާއީދުކޮށްފާނެ. އެ ޕާޓީއެއްގެ ލީޑަރުން އެގޮތަށް ނިންމީމަ" ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިދަނޑިވަޅަކީ މިފަދަ ބަދަލަކަށް އެންމެ އެކަށީގެންވާ ދަނޑިވަޅުތޯ އަދި މިފަދަ ބަދަލެއް ގެނެވިދާނެތޯ ސުވާލުކުރުމުން ރައީސް ވަނީ ވެރިކަމުގެ ނިޒާމާއި މެދު ދިވެހިން އޮތީ ސާފުކޮށް ގޮތެއް ނިންމާފައިކަން ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ ވޯޓަކުން ނިންމައިގެން ރިޔާސީ ނިޒާމަކަށް ރާއްޖެ ހިންގަމުންދާ އިރު، ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެނެސްފި ނަމަ ރާއްޖެ އަށް ވެގެންދާނެ ގޮތް ދިވެހިންނަށް ސާފުކޮށް އެނގޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި އަމަލުކުރާ ނިޒާމުތަކަށް ބަލާއިރު، އެ ޤައުމުތަކުގައި ބަރުލަމާނީ ނިޒާމް އޮތުމުން ކައިކައިރީގައި ބޮޑުވަޒީރު ބަދަލުވާން މެދުވެރިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ އިދިކޮޅު ފަރާތްތަކުން ވެރިކަމުގެ ނިޒާމް ބަދަލުކުރާ މަޤްސަދާއި މެދު ސުވާލުއުފައްދަވާފައެވެ.

"އެ މީހުންގެ ތެރޭގައި ވެރިކަން ކުރާހިތްވާލެއް ގިނައީ މީހުން. އެހެންވީމަ އެންމެންނަށް އެބަ ޖެހޭ ބޮޑެތި މަޤާމުތައް ދޭން ދެއްތޯ. ރައީސްކަމާއި، ބޮޑުވަޒީރުކަމާއި މިހެން ދެން ކޮންމެވެސް އެހެން ނަމެއް ކިޔާފައިވެސް ދީފާނެ. އޮތިއްޔާ ރަސްގެފާނުވެސް އެ މީހުން ގެންނަން ބޭނުންވާނެ" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގައި އޮތީ ސީދާ ރިޔާސީ ނިޒާމެއް ނޫން ކަމަށް ވީނަމަވެސް ރާއްޖޭގެ ޤާނޫނުއަސާސީ އޮތްގޮތުން މި ނިޒާމުގައި ގިނައީ ރިޔާސީ ނިޒާމުގެ ސިފަތައް ކަމަށެވެ.

ރިޔާސީ ނިޒާމެއްގައި ސަރުކާރުގެ ވެރިއަކީ އަދި ދައުލަތުގެ ވެރިޔަކީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ނިޒާމުގައި ރައީސަކީ ސީދާ ރައްޔިތުންގެ އިންތިޚާބަކުން އައްޔަންކުރާ ބޭފުޅެކެވެ. އެހެންނަމަވެސް، ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު އެކުލަވާލަނީ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިންނެވެ. މި ނިޒާމުގައި ދައުލަތުގެ ވެރިޔަކީ ރައީސްއެވެ. އަދި ސަރުކާރުގެ ވެރިޔަކީ ބޮޑުވަޒީރެވެ. ބޮޑުވަޒީރަކަށް ބޭފުޅަކު ހޮވަނީ މަޖިލީހުގެ އަޢުލަބިއްޔަތު ލިބޭ ޕާޓީއަކުން ނުވަތަ އިއްތިހާދަކުންނެވެ.

ދިވެހިރާއްޖޭގައި ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރު ރައްޔިތުންގެ ވޯޓެއް ނެގުނެވެ. މި ވޯޓުން ގިނަ ރައްޔިތުން ތާއީދުކުރީ އޭރު އޮތް ރިޔާސީ ނިޒާމަށެވެ.