ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މެޗަކުން މޮޅުނުވުމަކީ ހާސްވެ، މާޔޫސްވާން ޖެހޭ ކަމެއް ނޫން ކަމަށް އިނގިރޭސި ކެޕްޓަން ހެރީކޭން ބުނެފި އެވެ.
އޭނާ މިހެން ބުނީ ގާނާއާ ވާދަކޮށް އިނގިރޭސިން އެއްވަރުވުމުން މީޑިއާތަކުންނާއި ކުރީގެ ކުޅުންތެރިން ފާޑު ކިޔަން ފެށުމުންނެވެ. ގިނަ ބަޔަކު ބުނަނީ މޮޅު ފޯވަޑް ލައިނަކާއި އެޓޭކިން ކުޅުންތެރިން ތިބެ މިއީ އަބަދުވެސް އިނގިރޭސިންނަށް ބޮޑު މުބާރާތްތަކުގައި ކުރިމަތިވާ ގޮތް ކަމަށާއި އެއް ފެންވަރެއްގައި މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓޭގޮތް ނުވުމަކީ މައްސަލައެއް ކަމަށެވެ.
ނަމަވެސް އެންމެ ފަހުގެ ދެ ޔޫރޯގެ ފައިނަލްގައި ވެސް ކުޅުނު ގައުމުގެ ކެޕްޓަންގެ ހިޔާލު ތަފާތެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕެނަމާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކޭން ބުނީ "ގާނާ މެޗު އެއްވަރު ވުމަކީ ހާސްވާންޖެހޭ ކަމެއް ނޫން،" ކަމަށެވެ.
"އަހަރުމެންނަށް މި މެޗުން މޮޅުވެގެން އަނެއްކާ ވެސް ކުރީގެ ފޯމަށް ދެވޭނެ. ފުޓްބޯޅައިގައި އަބަދު އެއް ފޯމެއްގައި ވެސް ނުތިބެވޭނެ. އަހަރުމެން ހާހެއް ނުވޭ އެ މެޗުގެ ނަތީޖާއިން. މި މެޗުން މޮޅުވެ އަހަރުމެން ބޭނުންވާ ހިސާބަށް ވާސިލް ވެވޭނެ،" ކޭން ބުންޏެވެ.
ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައިވާ ޕެނަމާއާ އެއްވަރު ކޮށްގެން ވެސް އިނގިރޭސިން ދެ ވަނަ ބުރަށް ދާނެ އެވެ. ނަމަވެސް މި މެޗަށް ނުކުންނައިރު ބައެއް ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ނުކުޅެވިދާނެ ކަމުގެ ބިރު އެބައޮތެވެ. މީގެ ތެރޭގައި ޑިފެންޑަރު ރީސް ޖޭމްސް ހިމެނެ އެވެ. ގާނާ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ހުކުރު ދުވަހުގެ ފަރިތަކުރުންތަކުގައި ވެސް އޭނާ ބައިވެރިނުވެ އެވެ.
ކޯޗު ތޯމަސް ޓުޗެލް ބުނީ މި މެޗަށް ނުކުންނަނީ ކުރީ މެޗުތަކުގެ ތަޖުރިބާގެ އަލީގައި ކަމަށާއި މުޅިން ދިފާއު ކުރާ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
ގާނާ މެޗަށް ފަހު އެ ގައުމުގެ ކޯޗު ކާލޮސް ކީރޯޒް ވެސް ބުނީ އޭނާ ބެލީ އިނގިރޭސިން މާޔޫސް ކޮށްލަން ކަމަށާއި ދިފާއީ ގޭމެއް ކުޅެ އެކަން ކުރެވުނު ކަމަށެވެ.