ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލްގެ ވަކިވަކި ކުޅުންތެރިން ހިފަހައްޓަން ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށް ކޮލޮމްބިއާގެ ކޯޗު ނެސްޓާ ލޮރެންޒޯ ބުނެފި އެވެ.
މި މެޗަށް ނުކުންނައިރު ކޮލޮމްބިއާ އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގްރޫޕުގެ ކުރީގަ އެވެ.
ޕޯޗުގަލް އޮތީ ހަތަރު ޕޮއިންޓާއެކު ދެ ވަނާގަ އެވެ. މިހެންވެ މެޗު އެއްވަރު ކުރިޔަސް ކޮލޮމްބިއާ އަށް އެއްވަނަ ނުގެއްލޭނެ އެވެ.
"މުބާރާތުގައި ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ ޓީމަށް ދެ ވަނަ ބުރުގައި ފަސޭހަ ޓީމެއް ޖެހިދާނެ ކަމަށް ބުނެވޭ. އަހަރުމެން އެކަމަށް ވެސް ތައްޔާރުވަން. އެކަމަކު އަހަރުމެން މުބާރާތަށް އައީ ކޮންމެ ޓީމަކަށް ވެސް ވާދަކުރަން ތައްޔާރަށް. ގްރޫޕުގެ އެއްވަން ލިބުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށްވާނެ،" ކޯޗު ބުންޏެވެ.
"ޕޯޗުގަލް އަކީ ވަރަށް ފުރިހަމަ ޓީމެއް. ހާއްސަކޮށް ވަކިވަކި ކުޅުންތެރިން. އެ މީހުންގެ ރޭވުންތެރިކަމާއި ވަކިވަކި ކުޅުންތެރިންގެ ހުނަރު ނުރައްކާވާނެ. ހާއްސަކޮށް ވިޓީނިއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ. މި ކުޅުންތެރިން ދޫކޮށް ނުލެވޭނެ. އެ މީހުން ވަރަށް ކައިރިން މާކްކޮށްގެން އަހަރުމެން ބޭނުންވާ ހިސާބަށް ދަތުރު ކުރެވޭނީ،" ކޯޗު ބުންޏެވެ.