ކުޅިވަރު

ފަސް ލަނޑުގެ މޮޅަކުން ގްރޫޕްގެ އެއްވަނަ ބެލްޖިއަމްއަށް!


  • މެޗު އެއްވަރުވެ އިރާނަށް އިންތިޒާރު

މެޗަށް ނިކުއިންއިރު 2 ޕޮއިންޓާއެކު ތިންވަނައިގައި އޮތް ބެލްޖިއަމްއިން ފަސް ލަނޑުގެ މޮޅެއް ހޯދައިގެން ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.

ތަރިންގެ ބެލްޖިއަމް ގްރޫޕްގެ އެއްވަނަ ޔަގީންކުރީ 5-1 ން ނިއު ޒީލެންޑް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފް އެއްކޮށް ކޮންޓްރޯލްކޮށް، ނިއު ޒީލެންޑް އޭރިޔާ ތެރޭގައި ކުޅެ އެޓޭކް ކުރި ނަމަވެސް ޖެހުނީ އެންމެ ގޯލެކެވެ. ކޯނަރަކުން ހުރަސްކުރި ބޯޅައަކުން ލަނޑު ޖެހީ ޓްރޮސާޑެވެ، ޓްރޮސާޑް ފޮނުވާލި ބޯޅައެއް ނިއު ޒީލެންޑް ކުޅުންތެރިއަކު އަތުގައި ޖެހުނުކަމަށް ބަލާ ރެފްރީ ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ޕެނަލްޓީއެއް ނޫންކަމަށް ނިންމިއެވެ. ޓްރޮސާޑް ފުރަތަމަ ހާފްގައި ޖެހި ގޯލަށްފަހު، ބެލްޖިއަމްގެ ލަނޑުތައް ފެނުނީ ދެވަނަ ހާފްގައެވެ. ދެވަނަ ހާފްގައިވެސް ފުރަތަމަ ގޯލް ޖަހާ ލީޑް ފުޅާކޮށްދިނީ ޓްރޮސާޑެވެ. ތިންވަނަ ލަނޑު ޑީއެރިޔާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ގޯލަށް ފޮނުވާލައިގެން ޖެހީ ކެވިން ޑި ބުރައިނާ އެވެ. އެލަނޑަށްފަހު ޑި ބުރައިނާއާއި ޓްރޮސާޑްވެސް ބަދަލުކުރިއެވެ. ބޭންޑް އަޅައިގެން ނިކުތީ ލުކަކޫ އެވެ. ލުކަކޫ ކުޅެން ނިކުމެ ފުރަތަމަ ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން ބެލްޖިއަމްގެ ހަތަރު ވަނަ ލަނޑު ޖެހިއެވެ. އެއީ ލުކަކޫއާއެކު ކުޅެން ނިކުއިން ނިކޮލަސް ރަސްކިން ނަގައިދިން މޮޅު ހުރަހެކެވެ. ބެލްޖިއަމްގެ ފަސްވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ އަލެކްސް ސައެލްމޭކާއެވެ.

މެޗުގައި ނިއު ޒީލެންޑުން ލަނޑު ޖެހީ ބެލްޖިއަމްއިން ތިން ލަނޑު ޖެހިފަހުންނެވެ. ލަނޑު ޖެހީ ޖަސްޓް އެވެ. މިއީ މުބާރާތުގައި އޭނާގެ ތިންވަނަ ލަނޑެވެ. އެކަމަކު ނިއު ޒީލެންޑަށް މުބާރާތް މިހާރު ވަނީ ނިމިފައެވެ.
މިގްރޫޕުން ދެވަނަ ހޯދީ މެޗަށް ނިކުއިންއިރު އެއްވަނައިގައި އޮތް މިސްރެވެ. މިސްރު ފަހު މެޗުގައި އިރާނާ ވާދަކޮށް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ފަސްވަނަ މިނިޓްގައި މިސްރަށް ކުރި ހޯދައިދިނީ މުހައްމަދު ސަބޭރު އެވެ. ބޯޅަ ގޯލަށް ވަނީ ކީޕަރުގެ ފައިދަށުންނެވެ. އޭގެ ފަހުން އިރާނަށް ލިބުނު ޕެނަލްޓީ ކެޕްޓަން މެހުދީ ތަރޭމީ ޖެހި ޕެނަލްޓީ ކީޕަރު މަތަކުރިއެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން އިރާނުން ނަތީޖާ ހަމަހަމަ ކުރިއެވެ. ނަތީޖާ ހަމަހަމަ ކޮށްދިނީ ރަމިން ރެޒައީން އެވެ. މެޗުގެ އިތުރު ވަގުތުގައި ޝޯޖޭ ހަލީޒާދޭ ލަނޑު ޖަހާ މުޅި އިރާނު އުފާފާޅުކުރި ނަމަވެސް ވީއޭއާރުން ވަނީ އެލަނޑު އޮފްސައިޑް ކަމަށް ނިންމާ ގޯލް ކެންސަލް ކޮށްފައެވެ. ޓެކްނޮލޮޖީން ދައްކާގޮތުން މިއީ މުބާރާތުގައި އެންމެ ކުޑަމިންވަރުން އޮފްސައިޑްވި ގޯލެވެ. އޮފްސައިޑް ގޯލްގެ އިތުރުންވެސް އިތުރު ވަގުތުގައި އިރާނުން ނުރައްކާތެރި އެޓޭކެއް ފޮނުވާލިއެވެ. މިނަތީޖާގެ ސަބަބުން ތިން މެޗު އެއްވަރުކޮށް އިރާނަށް ލިބެނީ 3 ޕޮއިންޓެވެ. ގްރޫޕް ސްޓޭޖްގައި ބާކީ ހުރި މެޗުތަކުގެ ނަތީޖާ ނިކުންނަގޮތަކުން ތިންވަނައަށް ދާ ޓީމްތަކުގެ ތެރޭގައި ހިމެެނިގެން ގަދަ 32 ޓީމްގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު އިރާނަށް އަދިވެސް އެބައޮތެވެ.

ބެލްޖިއަމްއާއި މިސްރަށްވެސް ލިބުނީ ފަސް ޕޮއިންޓެވެ.