ވިލާތުގެ ސިޔާސީ ބަހުޘްތަކުގައި ފަލަސްޠީނުގެ ރައްިޔިތުންގެ ޙާލަތާމެދު މާ ބޮޑު ކަންބޮޑުވުމެއް ފާޅުނުކުރާ ކަމަށް ބުނެ އދގެ އިންސާނީ ހަައްޤުތަކާބެހޭ ހައި ކޮމިޝަނަރު ވޮލްކަރ ޓަރކް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ޚާރިޖީ ކޮމިޓީގެ މެންބަރުންނާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ޓަރކް ވިދާޅުވީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި މި ވަގުތު 60އަށްވުރެ ގިނަ ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށެެެވެ. އެ މައްސަލަތަކުގެ ސަބަބުން އިންސާނީ ބޮޑެތި މައްސަލަތައް ކުރިމަތިވި ނަމަވެސް އޭގެ ތެރެއިން ގިނަ މައްސަލަތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ސަމާލުކަން ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓަރކް ވިދާޅުވީ އެ ހުރިހާ ހަމަނުޖެހުންތަކުގައި ވެސް އެއްގޮތް ކަމަށް ފާހަގަވާ އެއްް ކަމަކީ އެ މައްސަލަތަކަށް އެދެވޭ މިންވަރަށް އަޅައިނުލުމާއި ސަމާލުކަން ނުދިނުމުގެ އިތުރުން، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށާއި އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކަށް ބޭއިޚްތިރާމް ކުރުން ކަމަށެވެ.
އޭނާ އިތުރުން ޙަމަލާތައް ދިނުމުގެ އަސްކަރީ މަޤްޞަދާއި، އެ ޙަމަލާތަކުގެ ސަބަބުން ގެއްލުން ލިބޭ ޢާންމުންގެ ޢަދަދާ ނުބައްދަލު ނަމަ ދެން އުފެދޭ ޙާލަތަު ވެގެން ދާނީ ވަރަށް ނުރައްކާތެރި ޙާލަތަކަށް ކަމަށް ވެސް ޓަރކް ފާހަގަކުރެއްވިއެވެ. އަދި ޙާލަތާ ނުބައްދަލު ޢަދަދަކަށް ޢާންމުންނަށް ގެއްލުން ލިބޭ ލިބުން ބަލައިގަންނަ ނަމަ އެ ކަން ޢާންމު ޙާލަތަކަށް ބަދަލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފަދަ ޢާންމު ޙާލަތްތަކަކީ ހަނގުރާމަކޮށް ހަމަނުޖެހުންތައް އުފެއްދުމަށް ބާރު ލިބޭ ކަމަކަށް ވެގެންދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
ޓަރކް ވިދާޅުވީ ޙަމަލާތައް ދީ ޢާންމުންނާ މެދު އިހާނެތިކޮށް ހިތާ ފަރާތްތަކަށް އެއްވެސް އަދަބެއް ނުލިބޭނަމަ، އަދި އިންސާފުގެ ކުރިމައްޗަށް އެ ފަދަ ފަރާތްތައް ނުގެންނަ ނަމަ، ބައިނަލްއަޤްވާމީ ޤާނޫނުތަކަކީ އެއަށް ފުރިހަމައަށް ޢަމަލުކުރަން ޖެހޭ ޤަނޫނުތަކެއް ނޫން ކަަމަށް ދެކެވެން ފަށާނެ ކަމަށެވެ. އޭގެ ސަބަބުން އުފެދޭ ނުރައްކާތައް ވަކިވަކި ހަމަނުޖެހުންތަކަށްވުރެ މާ ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންސާނީ ކަރާމާތް ގެއްލޭ ފަދަ ބަހުރުވަ ބޭނުންކުރުމާ ދެކޮޅަށް ވެސް އޭނާ ވަނީ ވާހަކަ ދައްކަވައިފައެވެ. ސިޔާސީ ލީޑަަރުންގެ ޒިންމާތަކުގެ ތެރޭގައި ހައްސާސް ޙާލަތްތައް އިތުރަށް ގޯސްވިޔަ ނުދިނުމާއި، މުޖުތަމަޢުގައި ހުރި ތަފާތު މައްސަލަތައް ވަކި ބައެއްގެ ބޮލުގައި ނޭޅުވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާއާއި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާ ގުޅޭގޮތުން ޓަރކް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ވޭން ބަލައިގަތުމަށް ވިލާތުން އާންމު ގޮތެއްގައި ފަސް ޖެހޭ ކަމަށެވެ. އެ މީހުންގެ ވޭނާއި އުދާހަށް ފުރަގަސްދޭ ކަމަށާއި، އެއީ އިންސާނުން ނޫން ކަމަށް ދެކެވޭ ފަދަ ގޮތަކަށް ޢަމަލުތައް ބައްޓަންވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.