ޚަބަރު

ހުޅަނގު އައްސޭރީގެ 13 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިވަނީ


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އިތުރު 13 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރަން، ޔަހޫދީ ދައުލަތުގެ ސަލާމަތީ މަޖިލީހުން ނިންމައިފިއެވެ.

ޔަހޫދީ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގެ މެދުތެރޭގައި އޮންނަ ބުންޔާމީން ސަރަޙައްދުގައި ޔަހޫދީން ދިރިއުޅޭނެ ތަންތަން ބިނާކުރުމަށް ވަނީ ނިންމައިފައެވެ.

މި ނިންމުމުގެ ފުރަތަމަ ފިޔަވަހި ކުރިއަށް އޮތް މަސްތަކުގައި ތަންފީޒުކުރަން ފަށާނެކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ޔަހޫދީ ދައުލަތުން ރާވަމުންދަނީ، ޤުދުސްގެ ހުޅަނގުއުތުރާއި ރަމަﷲގެ ހުޅަނގުގެ ސަރަޙައްދުތަކަށް އިސްތިޢުމާރު ފުޅާކުރުމަށެވެ.

މިއީ، ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ވޯޓު ހޯދަން ރާވާ ރޭވުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

މިކަމުގެ ސަބަބުން، ހުޅަނގު އައްސޭރީގެ އިސްތިޢުމާރު އިތުރަށް ފުޅާވެ، އިރުމަތީ ޤުދުސްއާ އިތުރަށް އެކަހެރިވެގެންދާނެކަމަށް ފަލަސްޠީނުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ޞަހްޔޫނީން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ ޤައުމުގެ ރައްޔިތުން އިސްތިޢުމާރު ކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ. އަދި، 2023 އޮކްޓޫބަރުގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ފެށި ޤަތުލުޢާންމާ އެކު، ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ހިންގަމުންދިޔަ ޖަރީމާތައް ވަނީ އިތުރުކޮށް، ފުޅާކޮށްފައެވެ.

މިގޮތުން، ހުޅަނގު އައްސޭރީގައި ޔަހޫދީ އައުޓްޕޯސްޓުތައް ބިނާކުރުން، 2012ވަނަ އަހަރުން 2022ވަނަ އަހަރާ ހަމައަށް އެވަރެޖުކޮށް 8ގައި ހުރުމަށްފަހު، 2023ވަނަ އަހަރު އެ ޢަދަދު ވަނީ ކުއްލިއަކަށް 32އަށް އިތުރުވެފައެވެ. އަދި 2024ވަނަ އަހަރު 62 އަދި މިދިޔަ އަހަރު އެ ޢަދަދު 86އަށް ވަނީ އިތުރުވެފައެވެ.

ޔަހޫދީން އާބާދުކުރާ ސަރަޙައްދުތައް ބިނާކުރުމުގެ ޚަރަދު ދެނީ ޔަހޫދީ ދައުލަތުންނެވެ. މިގޮތުން، އެފަދަ އައުޓްޕޯސްޓުތައް ބިނާކުރަން ޔަހޫދީ ދައުލަތުން ދޭ މާލީ އެހީ ވަނީ އިތުރުވެފައެވެ. 2023ވަނަ އަހަރު 7.5 މިލިއަން އެމެރިކާ ޑޮލަރު އެކަމަށް ހޭދަކޮށްފައިވާއިރު، 2024ވަނަ އަހަރު އެ ޢަދަދު ވަނީ 20 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.