އޮޒިލްގެ ޕްރޮފެޝަނަލް ކެރިއަރުގެ ފުރަތަމަ ހެޓް-ޓްރިކާއެކު ފަސޭހަ ކަމާއެކު ހަޔެއް ސުމަކުން ލުޑޮގްރެޓްސްގެ މައްޗަށް އާސެނަލް ކުރިހޯދައިފިއެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި އޮޒިލް ތިން ގޯލްވެސް ޖެހީ ދެވަނަ ހާފުގައެވެ. މެޗުގައި އާސެނަލްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒްއެވެ. މީ ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެޔަށް ބޯޅަ ވައްޓާލައިގެން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެ ފަހުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިއޯ ވޮލްކޮޓް ވަނީ ގޯލެއް ޖަހާ ލީޑް ފުޅާކޮށްދީފައެވެ.
ދެވަނަ ފެށިގެން ގިނައިރުތަކެއް ނުވަނީސް އާސެނަލްގެ ތިންވަނަ ގޯލް ޖަހައިދިނީ އެލެކްސް އޮކްސްލޭޑް ޗެމްބަރލިންއެވެ. މީ އާސެނަލްގެ ކޯޗް އާސެން ވެންގަރ ޔޫރަޕްގެ މުބާރާތްތަކުން ހޯދި ސަތޭކަވަނަ މޮޅެވެ.
އާސެނަލް ގްރޫޕުގެ އެއްވަނައިގައި އޮތީ ޕޮއިންޓުގެ ގޮތުން ޕެރިސް ޖަމައިންއާ އެއްވަރަކަށް ޕޮއިންޓް ހޯދައިގެންނެވެ.
އާސެނަލްއަށް ޗެމްޕިއަންސް ލީގުގައި ދެންވެސް ނުކުންނަންޖެހެނީ ލުޑޮގްރެޓްސްއާ ދެކޮޅަށެވެ. ނޮވެމްބަރު އެއްވަނަ ދުވަހު މިމެޗް ކުޅޭނީ ލުޑޮގޮރެޓްސް ދަނޑުގައެވެ.