ޖަޕާނުގެ ހުޅަނގު ދެކުނު އައްސޭރިފަށަށް 7.1 ރިކްޓަރ މިންގަނޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއެޖެއެވެ. ބިންހެލުމުގެ އަސަރު ކޮށްފައިވަނީ ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ކިއުޝޫ ރަށުގެ ކުމަމޯޓޯ ޕްރިފެކްޗަރަށެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، 7.1 ރިކްޓަރ މިންގަނޑުގެ މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. އަދި، މި ހާދިސާއާއި ގުޅިގެން ސުނާމީއެއް އުފެދިދާނެތީ ސަމާލުވުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.
ޖަޕާނުގެ ބިންހެލުން މިންކުރާ މިންގަނޑުން ބަލާއިރު، މި ބިންހެލުމުގެ ބާރުމިން ހުރީ އެންމެ މަތީ ދަރަޖައިގައެވެ. އެ ޤައުމުގެ ގަޑިން ހަވީރު 4:30 ހާއިރު އައި މި ބާރުގަދަ ބިންހެލުމަށްފަހު، އެ ސަރަހައްދަށް އިތުރު ލޮޅުންތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ.
ސަރުކާރުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރޫ ކިހާރާ ވިދާޅުވި ގޮތުގައި، ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި މީހުންނަށް ލިބުނު އަނިޔާތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާގެ ސަބަބުން ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ. އެގޮތުން ކިއުޝޫގެ ހުރިހާ ރޭލު ދަތުރުތަކެއް މެދުކަނޑާލާފައިވާއިރު، ކުމަމޯޓޯ ވައިގެ ބަނދަރުގެ ރަންވޭ ބަންދުކޮށް، އުޅަނދުތައް ވަނީ ހުއްޓާލާފައެވެ. އަދި ކުމަމޯޓޯގެ ބައެއް ފިހާރަތަކުން ކަރަންޓު ކެނޑި، މޯބައިލް ފޯނުގެ ޚިދުމަތްތަކަށްވެސް ވަނީ ބުރޫއަރާފައެވެ.
ނަމަވެސް، އެ ސަރަހައްދުގައި ހުރި ނިއުކްލިޔަރ މަރުކަޒުތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ކިހާރާ ކަށަވަރުކޮށްދެއްވިއެވެ.
ކިއުޝޫ ސަރަހައްދަކީ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތަކަށް ބޭނުންވާ ޗިޕް އުފައްދާ ގިނަ ކާރުހާނާތަކެއް ހުންނަ ސަރަހައްދެކެވެ. އެގޮތުން އެޕަލް އަދި އެންވީޑިއާ ފަދަ ކުންފުނިތަކަށް ޗިޕް ފޯރުކޮށްދޭ ޓައިވާން ސެމީކޮންޑަކްޓަރ މެނުފެކްޗަރިންގ ކޯޕަރޭޝަން (ޓީ.އެމް.އެސް.ސީ)ގެ ކާރުހާނާއެއް ކުމަމޯޓޯގައި ހިންގަމުންދާއިރު، އިތުރު ކާރުހާނާއެއް ބިނާކުރުމުގެ މަސައްކަތްވެސް އެ ސަރަހައްދުގައި ދަނީ ކުރަމުންނެވެ.