ޞިހްޔޫނީން ރުއްސުމަށް އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ރައްކާކޮށްފައި ހުރި ދުރު-ރާސްތާ އަދި ދިފާޢީ މިސައިލްގެ ސްޓޮކު "ކަންބޮޑުވާ" މިންވަރަކަށް މަދުވުމާ ގުޅިގެން، ހަތިޔާރު އުފެއްދުން އަވަސްކުރުމަށް އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓަގަނުން ހަތިޔާރު އުފައްދާ ކުންފުނިތަކަށް އަންގައިފިއެވެ. އެމެރިކާގެ ނޫސް، 'ދި ވޮޝިންގޓަން ޕޯސްޓުން' މި ކަން ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ، ދިފާޢީ ވަޒީރުގެ ނައިބު ސްޓީވް ފައިންބަރގް، ހަތިޔާރު އުފައްދާ ކުންފުނިތަކަށް ފޮނުއްވި މެމޯއަކާ ޙަވާލާދީއެވެ. ހަތިޔާރު އުފައްދައި، އަސްކަރިއްޔާއަށް ފޯރުކޮށްދިނުން ހަލުވިކުރެވޭނެ ގޮތުގެ ރޭވުމެއް ތައްޔާރުކޮށް، ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި ޙިއްޞާ ކުރުމަށް ފައިންބަރގްގެ މެމޯގައި ވަނީ އަންގަވާފައެވެ. އަދި، ހަތިޔާރު އުފެއްދުން ލަސްވެ، އެތައް އަހަރުތަކަކަށް ދެމިގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވެސް އޭނާގެ މެމޯގައި ވިދާޅުވެފައިވެއެވެ.
ޕެންޓަގަނުން މި ފިޔަވަޅު އަޅާފައި މި ވަނީ، އެމެރިކާއިން ރައްކާކޮށްފައި ހުރި ދުރު-ރާސްތާ އަދި ދިފާޢީ މިސައިލްގެ ޢަދަދު "ކަންބޮޑުވާ" މިންވަރަކަށް ދަށްވެފައިވާ ކަމުގެ ރިޕޯޓުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި، އީރާންގެ ރައްދު ހަމަލާތަކުން ދިފާޢުވުމަށް ކޮންމެހެން ބޭނުންވާ 'ޕޭޓްރިޔަޓް' އަދި 'ޓަރމިނަލް ހައި އެލްޓިޓިއުޑް އޭރިޔާ ޑިފެންސް' (ތާޑް) މިސައިލް ހިމެނެއެވެ. މަސްރަޙު ދިރާސާކުރާ ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްއިން ބުނީ، ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާގެ ސްޓޮކުގައި 2,200 ޕޭޓްރިޔަޓް މިސައިލް ހުރި ކަމުގައެވެ. ނަމަވެސް، އެ ޢަދަދު މިހާރު ވަނީ 827 އަށްވުރެ ދަށްވެފައެވެ. މީގެ އިތުރުން، ހަނގުރާމައިގެ ކުރިން ރައްކާކޮށްފައި ހުރި 452 ތާޑް މިސައިލްގެ ތެރެއިން މިހާރު ބާކީ ހުރީ 278 މިސައިލް ކަމުގައި ވެސް އެ މަރުކަޒުން އެއްކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއެވެ.
މި ފަދަ މުހިންމު ހަތިޔާރު އުފައްދާ މިންވަރު އިތުރު ކުރުމަށް ޕެންޓަގަނުން ވަނީ ހަތިޔާރު އުފައްދާ ކުންފުނިތަކާއެކު އެއްބަސްވުންތަކެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، މިއީ ޤާނޫނީ ގޮތުން ޢަމަލުކުރަން މަޖުބޫރު އެއްބަސްވުންތަކެއް ނޫން ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ. އެއް ސަބަބަކީ، މި ކަމަށް ފައިސާ ހޭދަކުރުމަށް ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ ހުއްދަ ބޭނުންވުމެވެ. ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްގެ މިސައިލް ޑިފެންސް ޕުރޮޖެކްޓުގެ ޑިރެކްޓަރ ޓޮމް ކަރާކޯ ވިދާޅުވީ، ހަތިޔާރު އުފެއްދުން ހަލުވިކުރުމާގުޅޭ ރަސްމީ އެއްބަސްވުމެއްގައި މިހާތަނަށް ސޮއިކުރެވިފައި ނެތުމަކީ އެމެރިކާގެ އަސްކަރިއްޔާއަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައެވެ.
ހަތިޔާރު އުފެއްދުން ހަލުވިކުރުމަށް ދިފާޢީ ވަޒީރުގެ ނައިބު ފައިންބަރގް މެމޯއެއް ފޮނުއްވާފައިވާ ކަން ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ކަށަވަރު ކޮށްދެއްވައެވެ. މިއީ، އެމެރިކާގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އެމެރިކާއިން ރައްކާކޮށްފައި ހުރި ދުރު-ރާސްތާ އަދި ދިފާޢީ މިސައިލްތަކުގެ ސްޓޮކު މަދުވެފައިވާ ކަމުގެ ރިޕޯޓުތައް ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ދޮގު ކުރައްވާފައެވެ. ހަތިޔާރު އުފެއްދުން ހަލުވިކުރުމަށް ޕެންޓަގަނުން އަންގާފައި މި ވަނީ، 1.15 ޓްރިލިޔަން އެމެރިކާ ޑޮލަރުގެ ދިފާޢީ ޚަރަދުތަކުގެ ބިލެއް ކޮންގްރެސްގައި މަޑުޖެހިފައިވާ ދަނޑިވަޅެއްގައި ކަން މަސްރަޙުގެ ދާރިސުން ފާހަގަކުރެއެވެ.