އެންމެފަހުގެ ދިވެހި ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި އޭއެފްސީ ޗެލެންޖް ލީގުގައި އަންނަ އަންގާރަ ދުވަހު ކުޅެންޖެހޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެންމެ ބޮޑު އަމާޒަކީ، މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުންކަމަށް އެކުލަބުގެ މެނޭޖަރު އިބްރާޙީމް ވަހީދު ބުނެފިއެވެ.
މުބާރާތުގައި އަންގާރަ ދުވަހު ރާއްޖެއިން ނުކުންނާނީ ތަޖިކިސްތާނުގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށެވެ. މިއީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގެ މެޗެކެވެ.
މި މެޗުން މޮޅުވެގެން މާޒިޔާއަށް، 20 ޓީމު ވާދަކުރާ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ލިބޭނެއެވެ. އެ މެޗުން ބަލިވެއްޖެނަމަ، މާޒިޔާއަށް މިފަހަރުގެ މުބާރާތް ނިމުމަކަށް އައީއެވެ.
މި މުބާރާތަށް މާޒިޔާގެ މެނޭޖްމަންޓުން ކަނޑައަޅާފައިވާ އެންމެ ބޮޑު ޓާގެޓަކީ، ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދުންކަން ފާޙަގަކޮށް، "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ވަހީދު ވަނީ، އެކަން ޙާސިލްކުރުމަށް ކުރި މަސައްކަތުގައި ބިދޭސީ ހަތަރު ކުޅުންތެރިން އެ ޓީމުން ގެނެސްފައިވާކަން ފާޙަގަކޮށްފައެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު ގްރޫޕް ސްޓޭޖަށް ޕްރޮމޯޓުވުން. އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ޓާގެޓަކީ. އެގޮތުން އަޅުގަނޑުމެން ބޭރު ހަތަރު ކުޅުންތެރިން ގެނެސްގެން މިހާރު މިވަނީ ޓީމާ ގުޅިފައި. ހުކުރު ދުވަހު އެންމެ ފަހު ކުޅުންތެރިޔާ އެ އައީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުއްމީދަކީ 11 ވަނަ ދުވަހުގެ މެޗު ކާމިޔާބުކޮށްގެން ގްރޫޕް ސްޓޭޖަށް އަޅުގަނޑުމެން ޕްރޮމޯޓުވުން. އެއީ ހަމަ އަޅުގަނޑުމެންގެ އެންމެ ބޮޑު ޓާގެޓަކީ". އިބްރާޙީމް ވަހީދު ބުންޏެވެ.
މާޒިޔާއިން މި ސީޒަނަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ނައިޖީރިއާގެ ސެންޓަރ ފޯވާޑެއް ކަމުގައިވާ ބެންޖަމިން ކޫކޫ، ސާބިއާގެ ނެމާންޖާ ޑްރަވްކޮވިޗް އަދި ހަމަ އެ ޤައުމުގެ ނިކޮލާ ވުޖިސިޗް ހިމެއެވެ. މި ތިން ކުޅުންތެރިންވެސް ވަނީ މާޒިޔާއިން ކަޕް ވިނާސް ކަޕުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފައެވެ. ފަހަތުން އަރައި 1-2 އިން މާޒިޔާ މޮޅުވި އެ މެޗުގައި މާޒިޔާ މޮޅުކޮށްދިން ލަނޑު ޖަހައިދިނީވެސް ކޫކޫއެވެ.
އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާއިން ކުޅޭ މެޗު ފަށާނީ އަންގާރަ ދުވަހުގެ 15:00ގައެވެ. މި މެޗު ކުޅޭނީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.