ޚަބަރު

ފިިލިޕީންސަށް ތޫފާން އަރައި 12 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް


ހުޅަނގު މޫސުމުގެ ވިއްސާރަ އާއެކު އުފެދުނު ދެ ތޫފާނު ކަމަށްވާ "ކުޖީރާ" އާއި "ޑޮލްފިން" ގެ ސަބަބުން ފިލިޕީންސްގައި ހިނގި އެކި ހާދިސާތަކުގައި މިހާތަނަށް 12 މީހަކު މަރުވެފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.

ފިލިޕީންސްގެ މަދަނީ ސަލާމަތާބެހޭ އިދާރާއާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާތަކުގައި 8 މީހަކު ގެއްލި، އިތުރު 11 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މި ކާރިސާގައި މީހުން މަރުވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބިންގަނޑު ކަނޑައިގެން ދިއުމާއި، ގަސްތައް ވެއްޓުމުގެ އިތުރުން ކަރަންޓުގައި ޖެހުމާއި ފެންބޮޑުވުމުގެ ހާދިސާތައް ހިމެނޭ ކަމަށް އެ އިދާރާގެ އެސިސްޓެންޓް ސެކްރެޓަރީ ލޯރެންސް މިނާ ވިދާޅުވިއެވެ.

ފިލިޕީންސްގެ 9 ސަރަޙައްދަކުންނާއި 33 ޕްރޮވިންސަކުން 586,000 އަށްވުރެ ގިނަ މީހުންނަށް މި ކާރިސާގެ ނޭދެވޭ އަސަރު ވަނީ ކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 4,800 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، ގެދޮރު ގެއްލުނު 32,800 އަށްވުރެ ގިނަ މީހުން މިހާރު ދިރިއުޅެމުންދަނީ ވަގުތީ ހިޔާތަކުގައެވެ.

މި ކާރިސާގެ ސަބަބުން ފިލިޕީންސްގެ އުމްރާނީ ވަޞީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެގޮތުން ބައެއް މައި މަގުތަކާއި ބުރިޖުތައް ބަންދުކުރަން ޖެހިފައިވާއިރު، މުޢާސަލާތީ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ.

އަދި ދަނޑުވެރިކަމަށް ލިބުނު ގެއްލުންތައް އެތައް މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ކަމާބެހޭ އިދާރާތަކުން ދަނީ ޙާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.