ޚަބަރު

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް


  • ހުކުމް އިއްވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު

  • އޭނާ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވޭ

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކޯޓުން މި ހުކުމްކޮށްފައިވަނީ ދަފްތަރު ނަންބަރު 07 / ސ. މީދޫ, ޢަބްދުލްވައްހާބު އަޙްމަދު (59އ)ގެ މައްޗަށެވެ. މި ހުކުމް އިއްވާފައިވަނީ، މިމަހުގެ 9 ވަނަ ދުވަހުއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވަނީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ވިދާޅުވީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ، ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.