ޚަބަރު

ފާމަސިސްޓުން ތަމްރީނުކުރަން ވިލާ ކޮލެޖާއެކު މަޝްވަރާކޮށްފި


  • ޒުވާނުން އިތުރުކުރަން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރި

ފާމަސިސްޓުން ތަމްރީން ކުރަން ވިލާ ކޮލެޖާއެކު ސްޓޭޓް ފާމަސޫޓިކަލްއިން މަޝްވަރާކޮށްފިއެވެ.

ސްޓޭޓް ފާމާ ކުންފުނިން ވިދާޅުވީ ފާމަސިސްޓުން ތަމްރީން ކުރުމާއި އެ ދާއިރާއިން ކިޔަވާ ޒުވާނުން އިތުރުކުރަން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރި ކަމަށެވެ. އޭގެ އިތުރުން އެ ދާއިރާއިން ދަސްވެނިވާ މީހުންނަށް، ދެ ފަރާތުން ގުޅިގެން ވަޒީފާގެ ފުރުސަތުތައް ދޭން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރި ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ރިފްރެޝާ ކޯސް ހިންގުމަށް ވިލާ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މީގެ ކުރިން އެ ކުންފުނިން ވަނީ މޯލްޑިވިސް ނޭޝަނަލް ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ބޭފުޅުންނާއި ބައްދަލުކޮށް، މި ދާއިރާއިން މީހުން ތަމްރީންކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ސްޓޭޓް ފާމަސޫޓިކަލްސްއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފާއިތުވި މަހުގައިވެސް 30 އަށް ވުރެ ގިނަ ފާމަސިސްޓުން ހޯދަން އިޢުލާނުކޮށްފައިވެއެވެ.

ރާއްޖޭގައި ފާރމަސިސްޓުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާއިރު ބޭހާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ދަނީ ކުރަމުންނެއެވެ. އެގޮތުން ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ގޮތަށް ޚާއްސަ ޕޯޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ.