ޚަބަރު

ފަތުރުވެރިން ދަތުރުކުރި ބާލީގެ ފެރީއެއްގައި ރޯވެ ނުރައްކާތެރި ހާދިސާއެއް


ފަތުރުވެރިންގެ މެދުގައި މަޤުބޫލު އިންޑޮނޭޝިޔާގެ ރަށެއް ކަމުގައިވާ ބާލީގެ އައްސޭރިފަށުން ދަތުރުކުރި ފެރީއެއްގައި އަލިފާން ރޯވުމާ ގުޅިގެން، އޭގައި ތިބި 100 އަށްވުރެ ގިނަ މީހުން ސަލާމަތް ކޮށްފިއެވެ. މިއީ، މަހެއްގެ ތެރޭގައި އެ ޤައުމުގައި ހިނގި މި ފަދަ ދެވަނަ ހާދިސާއެެވެ. މި ހާދިސާ ހިނގާފައި ވަނީ، 114 މީހުންނާއެކު ބާލީން ފުރައިގެން ކައިރީގައި އޮތް ލޮމްބޮކް ޖަޒީރާއަށް ފެރީ ދަތުރު ކުރަނިކޮށެވެ. އެ އުޅަނދުގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އިންޑޮނޭޝިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރަކުން ހަރަކާތްތެރިވެފައިވާއިރު، ފެރީގައި ތިބި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ސަލާމަތް ކުރެވިފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ބުނެއެވެ.

ލޮމްބޮކްގެ ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާގެ ވެރިޔާ މުޙައްމަދު ހަރިޔަދީ ވިދާޅުވީ، ފެރީގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އެހެން ތިން އުޅަނދަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައެވެ. މި ގޮތުން، 30 މީހަކު ސަލާމަތްކޮށް، އެހެން ފެރީއެއްގައި ބާލީއަށް ގެންގޮސްފައިވާއިރު، ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާގެ އުޅަނދަކުން ވަނީ 59 މީހުން ސަލާމަތްކޮށް، ލޮމްބޮކްއަށް ގެންގޮސްފައިވެއެވެ. އަދި، މަނަވަރުން ވަނީ 17 މީހުން ސަލާމަތް ކޮށްފައެވެ. އިތުރު މީހަކު ގެއްލިފައިނުވާ ކަން ކަށަވަރު ކުރުމަށް ހެލިކޮޕްޓަރެއް ބޭނުން ކޮށްފައިވާ ކަމުގައި ވެސް ހަރިޔަދީ ވިދާޅުވިއެވެ.

ނިމިދިޔަ ހަފުތާގައި ވެސް ޖާވާގެ އައްސޭރިފަށުން ދަތުރުކުރި ފެރީއެއްގައި އަލިފާން ރޯވެ ފަސް މީހުން މަރުވިއެވެ. އަދި، ޖުލައި މަހު ސުލަވެސީގެ ދެކުނުގައިވާ ސްލާޔަރް ކައިރިން 70 އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ފެރީއެއް އަޑިއަށްދިޔައެވެ. އެ ހާދިސާގައި މަރުވި ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އިތުރު 14 މީހަކު ވަނީ ގެއްލިފައެވެ. އިންޑޮނޭޝިޔާއަކީ 17,000 އަށްވުރެ ގިނަ ޖަޒީރާގެ މައްޗަށް އުފެދިފައިވާ، ކަނޑު ދަތުރުފަތުރަށް ބާރޯސާވާ ޤައުމެކެވެ. ސަލާމަތީ މިންގަނޑުތަކަށް ޢަމަލުނުކުރުމާއި، މޫސުން ގޯސްވުމުގެ ސަބަބުން އެ ޤައުމުގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ގިނައިން ހިނގައެވެ.