ނެދަލޭންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ސްޕެއިންގެ ޒަވީ ހަމަޖައްސައިފިއެވެ.
ސްޕެއިން އަށް އުފަން އުމުރުން 46 އަހަރުގެ ޒަވީ ނެދަލޭންޑްސްގެ ގައުމީ ޓީމާއި ހަވާލުވިއިރު މިއީ 1978 ވަނަ އަހަރަށްފަހު އެ ޓީމާއި ހަވާލުވި ގައުމުން ބޭރުގެ ފުރަތަމަ ކޯޗެވެ.
ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގެ ގަދަ 32 ގައި މޮރޮކޯ އަތުން ބަލިވެ ނެދަލޭންޑްސް މުބާރާތުން ކަޓައިގެންދިއުމާއިއެކު އޭރު އެ ޓީމުގެ ކޯޗަކަށްހުރި ނެދަލޭންޑްސްގެ ރޮނަލްޑް ކޯމަން ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާ އާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒަވީ ވަނީ 2019 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު ކޯޗިންގެ ތެރެއަށް ވަދެފައެވެ. އަދި އޭނާ ވަނީ ގަތަރުގެ އަލް ސާދުގެ އިތުރުން ބާސެލޯނާއަށްވެސް ކޯޗުކޮށްދީފައެވެ.
2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ސްޕެއިން އިން ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ނެދަލޭންޑްސް ބަލިކުރުމަށްފަހުގައެވެ. އެ މުބާރާތުގައި ޒަވީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
2024 ވަނަ އަހަރު ބާސެލޯނާ ކޯޗު ކަމުން ވަކިވުމަށްފަހު ފުރަތަމަ ފަހަރަށް ކޯޗު ކަމާއި ހަވާލުވި ޒަވީ ބުނެފައިވަނީ ނެދަލޭންޑްސްގެ ކޯޗު ކަމާއި ހަވާލުވުމަކީ ބޮޑު ފަހުރެއް ކަމަށެވެ.
"ނެދަލޭންޑްސްގެ ކޯޗު ކަމާއި ހަވާލުވުމަކީ ލިބިގެންދާ ބޮޑު ޝަރަފެއް. ބާސެލޯނާގެ އެކަޑެމީގައި ތަމްރީނުވެ ޔޯހަން ކްރައިފް އާއި ރިނަސް މިޗެލްގެ އެހީތެރިކަމުގެ އިތުރުން ލުއި ވެންހާލް އާއި ރައިކާޑް އާއިއެކު މަސައްކަތް ކުރަން ލިބުނުއިރު އަހަރެން މިހިސާބަށް ގެނައުމުގައި ޑަޗް ފުޓްބޯޅަ އާއި އަހަރެންނާއި އޮތީ ބޮޑު ގުޅުމެއް." ޒަވީ ބުންޏެވެ.
ޒަވިގެ އިރުޝާދުގެ ދަށުން ނެދަލޭންޑްސް ކުޅޭ ފުރަތަމަ މެޗަކީ އަންނަ ސެޕްޓެމްބަރ މަހު ޔޫއެފާ ނޭޝަންސް ލީގުގައި ޖަރުމަން އާއި ދެކޮޅަށް ކުޅޭ މެޗެވެ.