އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމު ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑް ވަރުގަދަ ކުރަން ބޭނުންނަމަ އިތުރު ކުޅުންތެރިން ބޭނުންވާކަމަށް އެޓީމުގެ ކޯޗު މައިކަލް ކެރިކް ބުނެފިއެވެ.
ކެރިކް ބުނީ މިފަހަރުގެ ޓްރާންސްފަރ މާކެޓްގައި އެކުލަބުން ރަނގަޅު ފައިދާ ހުރި ވިޔަފާރިތަކެއް މިހާތަނަށް ކޮށްފައިވާކަމަށާއި އަދި އެޓީމުގައި ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ. އަދި އެކަމާއި އުފާކުރާކަމަށްވެސް ކެރިކް ވަނީ ބުނެފައެވެ. ނަމަވެސް މިޓީމު އިތުރަށް ވަރުގަދަ ކޮށް ލީގަށް ވާދަކުރާ ވަރުގެ ޓީމަކަށް ހަނދަން ބޭނުންނަމަ އިތުރު ކުޅުންތެރިން ގެންނަން ޖެހޭ ކަމަށާއި އަދި އެކަން ކުރެވެން އޮތް ގޮތްތައް އެކުލަބުން ބަލަމުންދާކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.
މިދިޔަ ސީޒަންގައި ރުބެން އަމޮރިމްގެ ބަދަލުގައި ވަގުތީ ކޯޗެއްގެ ހައިސިއްޔަތުން ޔުނައިޓެޑައި ހަވާލުވި ކެރިކްގެ ކޯޗު ކަމުގެ ދަށުން ޔުނައިޓެޑުން ވަނީ ރަނގަޅު ކާމިޔާބީއެއް ހާސިލް ކޮށްފައެވެ. މިގޮތުން މިދިޔަ ސީޒަން ޔުނައިޓެޑް ނިންމާލީ ލީގުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި މިއާއެކު ކެރިކް މިހާރުވަނީ އެޓީމުގެ ދާއިމީ ކޯޗަކަށް ހަމަޖައްސާފައެވެ.
ޔުނައިޓެޑުން މިސީޒަނަށް އެޓީމަށް އަލަށް ގެންގޮސްފައިވަނީ އަންޑްރޭ ސަންޓޯސް އާއި ޔޫރީ ޓިއެލެމަންސް އަދި ކާރލް ޑާލޯއެވެ. މިތިން ކުޅުންތެރިން ހޯދުމަށް އެކުލަބުންވަނީ 85 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ. މިއީ މިސީޒަންގައި ލީގަށް ވާދަކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޗެމްޕިއަން އާސެނަލް އާއި މެންޗެސްޓަރ ސިޓީ އަދި ޗެލްސީއިން ކޮށްފައިވާ ހޭދައަށް ބަލާއިރު ކުޑަ އަދަދެކެވެ. އަދި ޔުނަައިޓެޑުން އެންމެ ބޮޑު ހޭދައެއް މިހާތަނަށް އެއް ކުޅުންތެރިޔަކަށް ކޮށްފައިވަނީ 2016 ވަނަ އަހަރު ޕޯލް ޕޮގްބާ އެޓީމަށް ގެންދިއުމަށް ހޭދަކުރި 89.5 މިލިއަން ޕައުންޑެވެ. މިސީޒަންގައި ޔުނައިޓެޑުން ކުޅުންތެރިން ގަތުމަށް ހޭދަކޮށްފައިވާވަރު ލީގަށް އަލަށް ޕްރޮމޯޓްވި ކޮވެންޓްރީ ސިޓީ އާއި އިޕްސްވިޗް ޓައުނަށްވުރެ މަދެވެ.
ކެރިކް ބުނީ ލީގުގެ އެހެން ކުލަބް ތަކެކޭ އެއްގޮތަށް ޔުނައިޓެޑުން ކުޅުންތެރިން ހޯދުމަށް ބޮޑު ހޭދައެއް ކުރަމުންނުދާދިއުމާއި ގުޅެގޮތުން ބުނާނެ އެއްޗެއް ނޭނގޭ ކަމަށާއި، ނަމަވެސް އެކުލަބުން ކުޅުންތެރިން ހޯީދުމަށް ކުރާ ހޭދަ ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ހާމަކުރިއެވެ. މިހުރިހާ ކަމަކާއެކުވެސް ޔުނައިޓެޑުގެ ގިނަ ކުޅުންތެރިން ގަބޫލްކުރާގޮތުގައި މިސީޒަންގައި ޗެމްޕިއަން އާސެނަލް އެމަގާމުން ބޭލުމުގެ ގާބިލްކަން އެޓީމުގައި އެބަހުއްޓެވެ. އަދި ކެރިކްވެސް ގަބޫލް ކުރާގޮތުގައި މިސީޒަންގައި ރަނގަޅު ކާމިޔާބީއެއް ހާސިލް ކުރެވޭވަރުގެ ޓީމެއް ޔުނައިޓެޑްގައި އެބައޮތެވެ. އަދި ލީގު ކާމިޔާބު ކުރެވޭނޭ ބުނަން ނޭނގުނު ނަމަވެސް ލީގަށް ވާދަކުރާނެކަމުގެ ޔަގީންކަން އެކުލަބްގެ ސަޕޯޓަރުންނަށް ކެރިކް ދީފައިވެއެވެ.