ޚަބަރު

މިއަދު މެންދުރުފަހުން ފެށިގެން މޫސުން އަލިވާން ފަށާނެ


  • މެންދުރުކުރީގެ ވަގުތުތަކުގައި ވިއްސާރަކުރާނެ

  • މެންދުރުފަހުން ފެށިގެން މުޅި ރާއްޖެއަށްވެސް ވިއްސާރަކުރުން މަދުވާނެ

މިއަދު މެންދުރުފަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ ފަތިހު 5:00 އިން ހެނދުނު 10:00 އަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ކަނޑުތަކަށް ބަލާއިރު އުތުރާއި މެދު ރާއްޖެތެރެއަށް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ވިލާގަނޑުގައިވެސް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރައްވައެވެ.

މެޓް އޮފީހުން ވިދާޅުވީ، ހުކުރު ދުވަހުގެ މެންދުރުކުރި ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. ނަމަވެސް މެންދުރުފަހުން ފެށިގެން މުޅި ރާއްޖެއަށްވެސް ވިއްސާރަކުރާވަރު މަދުވާނެކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުން ވިދާޅުވީ، ހޮނިހިރު ދުވަހުން ފެށިގެން ވިއްސާރަ އަލިވާނެކަމަށެވެ. އަދި ހުރިހާ ހިސާބަކަށްވެސް ހޮނިހިރު ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.