ޚަބަރު

ޕޯޓް ތިލަފުއްޓަށް: އެޖެންޓުންނާއި ލޮރީ ޑްރައިވަރުންނާއެކު ބައްދަލުވުމެއް


  • ހަރުދަނާ ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު

  • އަމާޒަކީ ވީހާވެސް ފަސޭހަވާނެ ގޮތަކަށް ބަނދަރުގެ އޮޕަރޭޝަންތައް ބައްޓަންކުރުން

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، އެމްޕީއެލްއިން ކްލިއަރިންގ އޭޖެންޓުންނާއި ލޮރީ ޑްރައިވަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުވުމަކީ ތިލަފުށީ ބަނދަރުގެ މަސައްކަތްތައް ރޭވުމުގައި ކަމާގުޅޭ ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އެމްޕީއެލް އިން ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށްދިޔަ މުހިންމު ބައްދަލުވުމެކެވެ.

އެމްޕީއެލުން ވިދާޅުވީ މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެމްޕީއެލްގެ އެންމެ މުހިންމު އެއް މަސައްކަތްތެރިން ކަމުގައިވާ ކްލިއަރިންގ އޭޖެންޓުންނާއި ލޮރީ ޑްރައިވަރުންގެ ބޭނުންތަކާއި ޚިޔާލުތައް ދެނެގަތުން ކަމަށެވެ. މިގޮތުން، ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ތިލަފުށީގައި ޤާއިމުކުރުމާ ގުޅޭގޮތުން ބައިވެރިން ވަނީ އަގުހުރި ޚިޔާލުތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ. އަމާޒަކީ މި ފަރާތްތަކަށް މަސައްކަތް ކުރުމުގައި ވީހާވެސް ފަސޭހަވާނެ ގޮތަކަށް ބަނދަރުގެ އޮޕަރޭޝަންތައް ބައްޓަންކުރުން ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވަޢުދުފުޅެކެވެ. މި މަޝްރޫޢަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ފަރުމާކުރެވިފައިވާ މަޝްރޫޢެކެވެ. ތިލަފުށީގައި ތަރައްޤީކުރާ ބަނދަރު ވެގެންދާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަޞީލަތްތައް ހިމެނޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރަކަށެވެ.

މި ބަނދަރުގައި ޒަމާނީ ކޮންޓޭނަރ ޓާމިނަލަކާއި، މަލްޓި-ޕާޕަސް ޓާމިނަލްތަކުގެ އިތުރުން، އަވަހަށް ހަލާކުވާ ފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ބޮންޑެޑް ވެއަރހައުސްތައް ޤާއިމްކުރެވޭނެއެވެ. އަދި 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ދެވޭނެ ފުރިހަމަ ލޮޖިސްޓިކްސް ނިޒާމެއް މިތަނުގައި އޮންނާނެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އެމް.ޕީ.އެލް އިން މިހާތަނަށް ވަނީ ސަރުކާރުގެ ވުޒާރާތަކާއި، ވިޔަފާރިވެރިންނާއި، ޝިޕިންގ އޭޖެންޓުންގެ އިތުރުން ފްރައިޓް ފޯވަރޑަރުންނާވެސް ބައްދަލުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު މި ބަނދަރުގެ ޚިދުމަތް ރަސްމީކޮށް ހުޅުވައިލުމެވެ.