ބަންގްލަދޭޝްގެ ދެކުނުއިރުމަތީ ރަށެއްގްއި ކަނޑައިނެގުމުގެ މަސައްކަތް ކުރަމުންދިޔަ އުޅަނދަކުން ވިހަ ގޭހެއް ލީކުވެ 8 މީހުން މަރުވެއްޖެއެވެ.
ބަންގްލަދޭޝްގެ ދެކުނުއިރުމަތީ ރަށެއް ކަމަށްވާ ޗިޓަގޮންގުގެ ބޭނުންކުރުން ހުއްޓާލާފައިވާ އުޅަނދެއް ކަނޑައިނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް ނުރައްކާތެރި ގޭހެއް ލީކުވެ 8 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއަދު ހިނގި މި ހާދިޘާގައި، ނުރައްކާތެރި ގޭސް ލީކުވުމާއެކު ޔާޑުގެ ތެރެއިން މީހުން ހަޅޭއްލަވާ އަޑުއިވި، އެހީތެރިން ވަނީ އަނިޔާވި މީހުން ހަސްފަތާލަށް ގެންދިއުމަށް މަސައްކަތް ކޮށްފައެވެ. ބަންގްލަދޭޝްގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ޢަބްދުލް ޤުއްދޫސް ޗައުދުރީ ވިދާޅުވީ 8 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި، ގެއްލިފައިވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ.
އަދި މި ހާދިޘާ ތަޙުޤީޤުކުރުމަށް ކޮމިޓީއެއް އެކުލަވާލައި، އެ ބޯޓު ޔާޑުގެ އޮޑިޓެއް ހެދުމަށް އަންގާފައިވާ ކަމަށްވެސް ޗައުދުރީ ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައިވަނީ ކުރިން އެލްއެންޖީ އުފުލުމަށް ބޭނުންކުރި ތަނެއް ކަމުގައިވާ، ފެރޑައުސް ސްޓީލް ޝިޕްބްރޭކިންގ ޔާޑް އެންޑް ރީސައިކްލިންގ ނަމަކަށް ކިޔާ ބޯޓު ޔާޑުގައެވެ.
ނަމަވެސް، އަލިފާން ނިއްވާ އޮފިޝަލް ތައުފީޤުލް އިސްލާމް ބުޔާން ދެއްވި މަޢުލޫމާތުގައި، އެ އުޅަނދު ކަނޑައިނަގަން ފެށުމުގެ ކުރިން ގޭހުން މުޅިން ސާފުކުރަންޖެހޭ ގޮތަށް ސަލާމަތީ އިރުޝާދުތަކަށް ދޯނި ބަންނަ ބަނދަރުގެ އިސްފަރާތްތަކުން ޢަމަލުކޮށްފައިނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަލިފާން ނިންވަން ހަރަކާތްތެރިވި ސިފައިން ވަނީ ހާދިޘާ ހިނގި ތަނުން ތިން މީހެއްގެ ހަށިގަނޑު ނަގައި، ޚަބަރު ހުސްވެފައި ތިބި އެތައް މަސައްކަތްތެރިންނެއް ހަސްފަތާލަށް ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން ފިރުދައުސް ކުންފުނިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.