ޖޫނިއާ ޤައުމީ ކެރަމް ޗެމްޕިއަންޝިޕުގައި ޓީމް އިވެންޓްތައް ހިމަނައި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
2 ވަނަ ޖޫނިއާ ޤައުމީ ކެރަމް ޗެމްޕިއަންޝިޕު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ހުޅުމާލޭ ކެރަމް އެރީނާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށްދާނީ އިންޑިވިޖުއަލް އިވެންޓްތަކުގެ އިތުރުން ޓީމް އިވެންޓްތަކެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނުންވެސް ކުޅުންތެރިންނަށް ވާދަކުރެވޭނެހެން ކުރިއަށް ގެންދާ މިމުބާރާތުގެ ބޭނުމަކީ ޒުވާން ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ. މިފަދަ ފުރުސަތުތަކުގެ ސަބަބުން ޒުވާން އެތުލީޓުންގެ ޓީމް ވޯކް ވަރުގަދަވެ، ކުޅިވަރުގެ އަޚްލާޤު އަށަގަނެ މުސްތަޤުބަލަށްޓަކައި ވަރުގަދަ ޓީމެއް ބިނާވާނެކަމަށް ކެރަމް އެސޯސިއޭޝަނުން ދެކެއެވެ.
ޒުވާން ކުޅުންތެރިން އުފެއްދުމަށްޓަކައި ކެރަމް އެސޯސިއޭޝަނުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި ކުރިއަށްދިޔަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕުގެ ޖޫނިއާ ޑިވިޝަނުގައިވެސް ގިނަ އަދަދަކަށް ޒުވާން ކުޅުންތެރިން ފެނިގެންދިޔައިރު، ހުނަރުވެރި އެތުލީޓުން ވަނީ ފާހަގަވެފައެވެ.