އިންޑޮނޭޝިޔާގެ އިރުމަތީ ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް އައިސް 20 މީހުން މަރުވެއްޖެއެވެ. އޮގަސްޓު 15 ވަނަ ދުވަހުގެ ފަތިހުގެ ވަގުތުގައި އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.7 ގައެވެ. އެއަށްފަހު، ގިނަ ޢަދަދެއްގެ ލޮޅުންތައް އެ ސަރަޙައްދަށް އަރާފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ބުނެއެވެ. އިރުމަތީ ނޫސާ ތެންގާރާ ޕްރޮވިންސުގެ ގަވަރުނަރު އެމަނުއެލް މެލްކިޔަދޭސް ލާކަ ލޭނާ ވިދާޅުވީ، ބިންހެލުމާ ގުޅިގެން 20 މީހުން މަރުވީ، އެ މީހުން ދިރިއުޅެމުންދިޔަ އިމާރާތް ވެއްޓުމުގެ ސަބަބުން ކަމުގައެވެ. ނަމަވެސް، އެ ޤައުމުގެ ކާރިސާތަކާ ބެހޭ ޤައުމީ އިދާރާ (ބީއެންޕީބީ) އިން ބުނީ މަރުވެފައިވާ ކަށަވަރު ކުރެވިފައި ވަނީ އެންމެ މީހެއް ކަމުގައެވެ. އަދި، ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމުގައެވެ.
އިންޑޮނޭޝިޔާގެ ބިންހެލުންތަކާ ބެހޭ އިދާރާއިން (ބީއެމްކޭޖީ) ބުނީ، ބިންހެލުން އައިސްފައި ވަނީ އެ ޤައުމުގެ ގަޑިން ފަތިހު 4:58 ހާއިރު، ބިމުގެ ސަތަހައިން 15 ކިލޯމީޓަރު އަޑިއަށް ކަމުގައެވެ. ބިންހެލުމާ ގުޅިގެން އެއް މީޓަރަށް ވުރެ ކުދި ސުނާމީއެއްގެ ރާޅުތައް އުފެދުނު ނަމަވެސް، ތިން ގަޑިއިރަށްފަހު ސުނާމީގެ އިންޒާރު ވަނީ އުވައިލާފައެވެ. މި ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު އިރުމައްޗާއި ހުޅަނގު ނޫސާ ތެންގާރާ އަދި ދެކުނު ސުލަވެސީއަށް ވެސް ފޯރިއެވެ. އަދި، ބައެއް ސަރަޙައްދުތަކުގައި ގާތްގަނޑަކަށް އެއް މިނެޓަށް ލޮޅުންތައް ދެމިގެންދިޔަ ކަމުގައި ބީއެންޕީބީން ބުނެއެވެ.
ބިންހެލުމާ ގުޅިގެން ފްލޮރޭސްގެ މުއަމެރޭ ބަނދަރުގައި ހުރި އިމާރާތެއް ވެސް ވެއްޓުނެވެ. ބިންހެލުން އައި ވަގުތު ނަގާފައިވާ ވީޑިއޯތަކުން ފެންނަނީ، ރައްކާތެރިކަން ހޯދުމަށް މީހުން މަގުތަކަށް ނިކުންނަމުންދިޔަ މަންޒަރެވެ. ބައެއް ހަސްފަތާލުތަކުގައި ފަރުވާދެމުންދިޔަ ބަލިމީހުން މަގުތަކަށް ނެރެ، އެ ތަންތަން ވެސް ހުސްކޮށްފައިވެއެވެ. ބިންހެލުމާ ގުޅިގެން ނަގެކެއޯ ސަރަޙައްދުން 2،000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާއިރު، ގުދަންތަކާއި ސަރުކާރު އިމާރާތްތަކުގެ އިތުރުން ޢާންމުންގެ ގެދޮރަށް ވަނީ ގެއްލުންވެފައެވެ. އަދި، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑި، މަގުތައް ބަންދުވިއެވެ.