ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޢައިރުޤާނޫނީ "ވަރަށް އަވަހަށް" ނިމޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ހަ މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ހަނގުރާމަ ނިމުމުގެ އެއްވެސް ނިޝާނެއް ނުފެނި، އެމެރިކާގެ އަސްކަރިއްޔާއަށް ނަފްސާނީ އަދި މާއްދީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މި ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން އެމެރިކާގެ އަސްކަރީ ބާރުތަކުގެ މެދުގައި ވަރުބަލިކަން އިތުރުވެ، ސިފައިންގެ ރޫހަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ޙާއްޞަކޮށް ޢަރަބި ކަނޑުގައި ޙަރަކާތްތެރިވަމުންދާ އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އަބްރަހަމް ލިންކަންގެ ފަޅުވެރިން، ބަނދަރަކަށް ނުވަދެ 200 އަށްވުރެ ގިނަ ދުވަސް ކަނޑުމަތީގައި ހޭދަކުރަންޖެހުމުން، ނަފްސާނީ ބޮޑެތި މައްސަލަތައް ކުރިމަތިވެަފައިވާ މިންވަރު އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް، އެމެރިކާގެ ދިފާޢީ ވުޒާރާ އަދި ކަނޑުގެ ސިފައިން މިފަދަ ރިޕޯޓްތައް ދޮގުކުރެއެވެ.
އަސްކަރީ ވަޞީލަތްތަކަށް ބަލާއިރު، އެމެރިކާގެ ދިފާޢީ ނިޒާމުތައް ކަމަށްވާ ޕޭޓްރިއޮޓް އަދި ތާޑް މިސައިލްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ހަނގުރާމަ ފެށުނުއިރު ހުރި ޢަދަދާ އަޅާބަލާއިރު، މިހާރު ހުރި މިސައިލްތަކުގެ ޢަދަދު ވަނީ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ދަށްވެފައެވެ.
އަދި ހަނގުރާމައިގެ ތެރެއިން ރީޕަރ ޑްރޯންތަކުގެ 25 އިންސައްތަ ވަނީ ގެއްލިފައެވެ.
އަސްކަރީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއަށް ކުރިމަތިވެފައިވާ ހަތިޔާރުގެ މި ހުސްކަން ފޫބެއްދުމަށް ގިނަ އަހަރުތަކެއް ނަގާނެއެވެ.
ބައެއް އަންދާޒާތަކުން ދައްކާ ގޮތުގައި، މިހާރުގެ އުފެއްދުންތެރިކަން ހުރި މިންވަރަށް ބަލާއިރު، އެމެރިކާގެ އަސްކަރިއްޔާއަށް ބޭނުންވާ މިންވަރަށް ހަތިޔާރު އުފެއްދުމަށް 27 އަހަރުގެ މުއްދަތެއް ބޭނުންވުމުގެ ފުރުޞަތު ބޮޑެވެ.
މި ޙާލަތާ ގުޅިގެން ޓްރަމްޕާއި ދިފާޢީ ވަޒީރު ޕީޓް ހެގްސެތުއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ހިނގާފައިވާ ކަމަށް ޚަބަރުތައް ބުނާއިރު، ހެގްސެތު ވަނީ އަސްކަރިއްޔާއަށް ކުއްލި އެހީގެ ގޮތުގައި 87.6 ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގައި ވަނީ އެދިވަޑައިގެންފައެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި، މިހާތަނަށް އީރާނު ހަނގުރާމައަށް އެމެރިކާއިން ވަނީ 37.5 ބިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.
މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ދިފާޢީ ސިނާޢަތުގެ ބަލިކަށިކަން ހާމަވެފައިވާއިރު، މިއީ ރަޝިއާ އާއި ޗައިނާ ފަދަ ވާދަވެރި ޤައުމުތަކުގެ ކުރިމަތީގައި އެމެރިކާގެ އަސްކަރީ ބާރަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.