ޚަބަރު

އުތީމުގެ ތަރައްޤީއަށް ހުރި ހުރަސްތައް ނައްތާލައި، ހައްލު ހޯދައިދޭނަން: ރައީސް


  • މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރެއްވި

  • ކައުންސިލުން ފާހަގަކުރެއްވި ކަންކަން ގާތުން ބައްލަވާނެކަމަށް ވިދާޅުވި

އުތީމުގެ ތަރައްޤީއަށް ހުރި ހުރަސްތައް ނައްތާލައި، މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އުތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އުތީމު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އުތީމު ކައުންސިލުން ވަނީ ރަށުގެ އުމްރާނީ ތަރައްޤީއަށް ހުރި ބައެއް ދަތިތަކާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ރަށު ބަނދަރާއި ބަންޑާރަ މިސްކިތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެން ދިއުމަށް އުންމީދުކުރައްވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސްޓޭޓް ހައުސްގެ މަސައްކަތުގެ އަދާހަމަ މަޢުލޫމާތު އޮޅުންފިލުއްވައި، ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ އިތުރުން ރަށު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް ކައުންސިލުން އެދިވަޑައިގެންފައިވެއެވެ. އަދި އުތީމު ޞިއްޙީ މަރުކަޒުގައި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، މުވައްޒަފުންގެ ދަތިކަން އޮތް މިންވަރު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނެވިއެވެ.

ކައުންސިލުން ހުށަހެޅުއްވި ކަންކަމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި ރަށުގެ ތަރައްޤީއަށް ހުރި ހުރަސްތައް ނައްތާލައި، ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވެސް ވަނީ އުތީމުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.