މިހާރު ކުރިއަށްދާ ކަޕް ވިނާސް ކަޕް ފުޓުބޯޅަ މުބާރާތުގައި ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދާ އޮޑި ސްޕޯޓްސް ކްލަބުން މޮޅަކާއެކު، މުބާރާތް ނިންމާލައިފިއެވެ.
ކަޕް ވިނާސް ކަޕުގެ ފައިނަލުން މާޒިޔާ ސްޕޯޓްސް ކްލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ޖާގަ ހޯދީ، އޮޑި އަދި ބުރު ބަލިކޮށްގެންނެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ މިދިޔަ ސީޒަނުގެ ގަދަ ހަތަރު ޓީމުންނެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގެ ދެވަނަ މިނިޓްގައި އޮޑިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މުޒްދާން ހަސަންއެވެ.
މި ލަނޑާއެކު، ބުރުން ކުރިއަށް ޖެހި އޮޑީގެ ހާފަށް ބާރުބޮޑުކުރިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުގެ މުހައްމަދު ނައިޝަމް ނަދީމް އަދި އަބްދުﷲ ޔާމީން (ޔާނު) އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނިޓްގައި އޮޑިން ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ މުޒްދާންއެވެ. މި ލަނޑަށްފަހު ބުރަށް ފަރަގު ކުޑަކޮށްދޭން ޔާމީން އަދި ބިދޭސީ ކުޅުންތެރިންޔާ ޖުއާން އެޑުއާޑޯއަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު، މި މުބާރާތުގެ ލީގު ބުރުގެ ތިންވަނަ އޮޑިއަށް ތިން ޕޮއިންޓާއެކު ލިބުނުއިރު، ބުރުން މުބާރާތް ނިންމާލީ މޮޅެއް ނުލިބި ޕޮއިންޓެއް ނުލިބިއެވެ.
މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ މާޒިޔާއިން ނުކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ. އަދި އަންނަ ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލް މެޗުގައި ވެސް މި ދެ ޓީމު ބައްދަލުކުރާނެއެވެ.