މޮރޮކޯ މަގުން ސްޕެއިންގެ ސެއޫތާއަށް ނުޤަވާޢިދުން ހިޖުރަކުރުމަށް މަސައްކަތްކުރި 100 އަށްވުރެ ގިނަ މީހުން މޮރޮކޯގެ ފުލުހުން ހުއްޓުވައި، ހައްޔަރުކޮށްފިއެވެ. ސްޕެއިންގެ މައި ބިމާ ވަކިން އޮންނަ ސެއޫތާއަކީ އެފްރިކާ ބައްރުގެ އުތުރުގައި މޮރޮކޯއާ ޖެހިގެން އޮންނަ ސްޕެއިންގެ ރަށެކެވެ. ސެއޫތާއަށް ނުޤަވާޢިދުން ހިޖުރަކުރުމަށް މަސައްކަތް ކޮށްފައިވާ މީހުންގެ ތެރެއިން ގިނައީ އެފްރިކާގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. ގިނަ ޢަދަދެއްގެ ބަޔަކު ސެއޫތާއަށް ހިޖުރަކުރުމަށް މަސައްކަތް ކޮށްފައި މި ވަނީ، އެ ކަމަށް ހިތްވަރުދީ މީސްމީޑިޔާގައި ނުރަނގަޅު މަޢުލޫމާތު ފެތުރުމަށް ކެންޕޭނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ޖުލައި މަހުގެ ތެރޭގައި ވެސް މަޣުރިބުން 72,000 އަށްވުރެ ގިނަ މީހުން ވަނީ ސެއޫތާއަށް ދަތުރުކޮށްފައެވެ. އައްސޭރިފަށުން ފަތާފައި ސެއޫތާއަށް ދަތުރުކުރުމުގެ ތެރޭގައި އޭގެ ތެރެއިން 96 މީހުން މަރުވިއެވެ.
މޮރޮކޯގެ ފުލުހުން ބުނީ، ނުޤަވާޢިދުން ސެއޫތާއަށް ހިޖުރަކުރުމަށް މަސައްކަތް ކުރަމުންދާ މީހުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމުގައެވެ. ސެއޫތާއަކީ ސްޕެއިންގެ ސަރަޙައްދެއްގެ ގޮތުގައި މަޣުރިބުގެ ސަރުކާރުން ރަސްމީކޮށް ބަލައިގަނެފައެއް ނުވެއެވެ. މި ފަހަރު ސެއޫތާއަށް އެތެރެވުމަށް 100 އަށްވުރެ ގިނަ މީހުން މަސައްކަތް ކޮށްފައި ވަނީ، މޮރޮކޯގެ އުތުރުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ފުނަޔިދިޤުންނެވެ. އެ މީހުން ފުނަޔިދިޤުގެ ފަރުބަދަމަތީ މަގުތައް އިޚުތިޔާރު ކުރުމުގެ މަޤުޞަދަކީ، ފުލުހުން ޤާއިމުކޮށްފައިވާ ޗެކްޕޮއިންޓުތަކަށް ނުފެނި ދަތުރުކުރުމެވެ. ނަމަވެސް، މޮރޮކޯގެ ފުލުހުން ވަނީ ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުންކޮށްގެން އެ މީހުން ހުއްޓުވާފައެވެ.
މޮރޮކޯގެ ދާޚިލީ ވުޒާރާގެ މަޞްދަރުތަކުން ބުނީ، ސެއޫތާއަށް ހިޖުރަކުރުމަށް މަސައްކަތް ކުރި 111 މީހުން ހުއްޓުވައި، ހައްޔަރުކޮށްފައިވާ ކަމުގައެވެ. ނަމަވެސް، ސްޕެއިންގެ ނޫހަކުން ބުނީ، މޮރޮކޯގެގެ ފުލުހުންގެ ބެލުމުގެ ދަށަށް 294 މީހަކު ގެންގޮސްފައިވާ ކަަމަށާއި، އޭގެ ތެރޭގައި މޮރޮކޯގެގެ 46 ރައްޔިތުން ހިމެނޭ ކަމުގައެވެ. ބާކީ ތިބި މީހުންނަކީ އެފްރިކާ ބައްރުގެ ޤައުމުތަކަށް ނިސްބަތްވާ މީހުން ކަމުގައި ރިޕޯޓުތައް ބުނެއެވެ. މި ހާދިސާއާ ގުޅިގެން ސްޕެއިންގެ ޤާނޫނުހަދާ މަޖިލީހުގައި އިދިކޮޅު ޕީޕަލްސް ޕާޓީ ތަމްސީލު ކުރައްވާ ޚައިމޭ ދެ ލޮ ސަންތޯސް ވަނީ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ދެ ލޮ ސަންތޯސް ވިދާޅުވީ، މި މައްސަލައަށް ޙައްލެއް ހޯއްދެވުމުގެ ބަދަލުގައި، ޝާހީ ގަނޑުވަރެއްގައި ސަންޗޭޒް ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި، ކަމުގެ ޙަޤީޤަތް ފޮރުވުމަށް ސަރުކާރުގެ ވަޒީރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އެ ޤައުމުގެ ދާޚިލީ ވަޒީރު ފެރްނަންދޯ ގްރާންދޭ މަރްލަސްކާ ވިދާޅުވީ، ޖުލައި 30 އިން ފެށިގެން ސެއޫތާއަށް ނުޤަވާޢިދުން ހިޖުރަކުރި އެތައް ހާސް މީހުންގެ ތެރެއިން 5,000 އެއްހާ މީހުން އަދިވެސް އެ ރަށުގައި ތިބި ކަމުގައެވެ.