ޚަބަރު

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދެބައިކުޅަ އެއްބައި ނިމިއްޖެ


  • 556.54 ހެކްޓަރު ބިން ހިއްކާފައިވޭ

  • 1009 ހެކްޓަރުގެ ބިން ހިއްކާނެ

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 55 އިންސައްތަ ނިމިފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާ އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫޢަކީ، ބޯހިޔާވަހިކަމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫޢެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއީ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، 11 ސައިޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކައެވެ.

މި މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަސައްކަތް ނުހުއްޓި ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 556.54 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މިއީ، މުޅި މަޝްރޫޢުގެ %55.16 މަސައްކަތެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ޢާއިލީ ބޯހިޔާވަހިކަމުގެ ނަމުގައި އައު ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް، ކޮންސަލްޓެންސީ ސަރވިސް ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތްވެސް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ. މާސްޓަރ ޕްލޭންގެ ދަށުން ރަސްމާލޭގައި ތިމާވެއްޓާ ރަށްޓެހި މަސައްކަތްތައް ކުރުމާއި، ޔުޓިލިޓީގެ ޚިދުމަތުގެ ޕްލޭނާއި، ދަތުރުފަތުރާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ އެކްސިސިބިލިޓީއަށްވެސް ބަލާނެއެވެ.

ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސް ކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ، މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ މަޑުޖެހުމާއެކު، ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް، ސަރުކާރުގެ ޢަމާޒަކީ އެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމެވެ.