ޚަބަރު

ވީއޭއެމް ކަޕް: ދަޑިމަގާއި ލަޔަންސް އަށް ފުރަތަމަ މޮޅު


  • ޕޮލިސް ކްލަބްގެ މައްޗަށް ލަޔަންސް ރެކްރިއޭޝަން ކްލަބް ކުރިހޯދީ ސީދާ 3 ސެޓުން

  • ދަޑިމަގުން ސަން ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދީވެސް ސީދާ 3 ސެޓުން

ވޮލީބޯލް އެސޯސިއޭޝަން ކަޕުގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ލަޔަންސް ރެކްރިއޭޝަނުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި ފަހަރުގެ މުބާރާތުގައި އަށް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ޕޫލް އޭގައި ހިމެނޭ ޓީމުތަކަކީ އެޗްޑީސީއާ ޕޮލިސް ކްލަބްގެ އިތުރުން ޔުނައިޓެޑް ހެންވޭރިއަންސް އަދި ލަޔަންސްއެވެ.

ޕޫލް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ދަނޑިމަގު ރެކްރިއޭޝަން ކްލަބް، އެމްޓީސީސީ އަދި ސަން ސްޕޯޓްސް ކްލަބެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ޕޮލިސް ކްލަބްގެ މައްޗަށް ލަޔަންސް ރެކްރިއޭޝަން ކްލަބް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ލަޔަންސް އިން ގެންދިޔައީ ފަސޭހަކަމާއެކު 25-15، 25-22 އަދި 25-20 އިިންނެވެ.

އާދީއްތަ ދުވަހުގެރޭ ދަޑިމަގުން ސަން ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-17، 25-20 އަދި 25-23 އިންނެވެ.

މި މުބާރާތުގައި ދަޑިމަގުން ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބް އަތުން ބަލިވީ 3-2 ސެޓުންނެވެ. އަދި ދެވަނަ މެޗުގައި ކްލަބް އެމްޓީސީސީ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.