އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް އިވެންޓްގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޗައިނާގެ ޝީ ޔޫ ގީ ފުރަތަމަ ބުރުން ބަލިވެއްޖެއެވެ.
މިމުބާރާތުގެ ފުރަތަމަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން ޝީ ޔޫ ގީ ބަލިވެފައިވަނީ އިންޑިއާގެ އަޔުޝް ޝެޓީ އާއި ބައްދަލުކޮށް 2 ސެޓް އެއް ސެޓުންނެވެ. މިމެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ޝީ ޔޫ ގީ ފެނިގެން ދިޔައީ މާރަނގަޅު ކުޅުމެއް ނުދެއްކި ދިޔަ ތަނެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މިމެޗުގެ ފުރަތަމަ ސެޓު ޝެޓީ ފަސޭހަ ކަމާއެކު އެކާވީސް ސާދައިން ކާމިޔާބު ކުރުމެވެ.
ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ޝީ ޔޫ ގީވަނީ ދެވަނަ ސެޓު އެކާވީސް ތޭރައިން ކާމިޔާބު ކޮށް ތިންވަނަ ސެޓަކަށް މިމެޗު ގެންގޮސްފައެވެ. އަދި ދެވަނަ ސެޓުގައި ޝީ ޔޫ ގީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިއުމާއެކު ފަހު ސެޓުވެސް އޭނާ ކާމިޔާބު ކޮށްފާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް ޝެޓީ އަމިއްލަ ސަޕޯޓަރުން ކުރިމަތީ ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމަކަށްފަހު އެކާވީސް ނަވާރައިން މިސެޓު ކާމިޔާބު ކޮށް ދެވަނަ ބުރުން ޖާގަހޯދުމެވެ.
ފިރިހެނުންގެ އިވެންޓްގައި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ ޑެންމާކްގެ އެންޑަރސް އެންޓޮންސެން އާއި ޑިކީ ޑުވީ ޕެންގެސްޓޫ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ އެންޓޮންސެންއެވެ. މިމެޗުގެ ދެސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ އެކާވީސް ނަވާރަ އަދި އެކާވީސް ސަތާރައިންނެވެ.
މިމުބާރާތުގެ އަންހެނުންގެ ސިންގަލްސް އިވެންޓަށް ބަލާލާއިރު އެއްވަނައަށް ސީޑު ކުރެވިފައިވާ ދެކުނު ކޮރެއާގެ އާން ސޭ ޔަންގ އާއި ބަލްގޭރިއާގެ ކަލޮޔާނާ ނަލްބަންޓޯވާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފައިވަނީ އާން ސޭ ޔަންގއެވެ. މިމެޗުގެ ދެސެޓު އާން ސޭ ޔަންގ ކާމިޔާބު ކޮށްފައިވަނީ އެކާވީސް ތޭރަ އަދި އެކާވީސް ސާދައިންނެވެ.
އުމުރުން 24 އަހަރުގެ އާން ސޭ ޔަންގގެ ފަޔަށް ލިބުނު އަނިޔާ އަކާއި ގުޅިގެން މިދިޔަ މަހު ބޭއްވި ޖަޕާން އަދި ޗައިނާ އޯޕަންގައި އޭނާ ވާދަކޮށްފައެއް ނުވެއެވެ. މިއަހަރުގެ މިހާތަނަށް ހަތް މުބާރާތް ކާމިޔާބު ކޮށްފައިވުމުގެ ސަބަބުން މިފަހަރުވެސް ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެން އިވެންޓް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރަނީ އާން ސޭ ޔަންގ އެވެ.
މިބައިގާ ތިންވަނައަށް ސީޑު ކުރެވިފައިވާ ވަންގ ޒީޔީ އާއި ބެއިވެން ޒާންގ ބައްދަލުކުރި މެޗު އެކާވީސް ބާރަ އަދި އެކާވީސް ތޭރައިން ކާމިޔާބު ކޮށްފައިވަނީ ވެންގ ޒީޔީއެވެ.