މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންސްޕާއިން 56.8 މިިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޮރުކޮށްދީފިއެވެ. މިއީ މިދިޔަ ޖޫންމަހާ އަޅާބަލާއިރު މަދު އަދަދެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި މިދިޔަ ޖޫން ދޫކުރީ 57.9 މިލިޔަން ރުފިޔާއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އަލަށް 63 މީހުން ރަޖިސްޓަރވެ އެ ދަފްތަރުގެ އަދަދު ވަނީ 15549އަށް އަރާފައެވެ. އެންސްޕާއިން މިދިޔަ މަހު އެހީ ދޫކޮށްފައިވަނީ 15،369 މީހަކަށެވެ. މި މީހުންނަށް 56،831،000 ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާ މީހުންގެ ތެރޭގައި 8،996 ފިރިހެނުންނާއި 6،553 އަންހެނުން ހިމެނެއެވެ. އުމުރުފުރާއަށް ބަލާއިރު އެންމެ ގިނައީ އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ 7،896 މީހުންނެވެ.
ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ގިންތިތަކަށް ބަލާއިރު އެންމެ ގިނަ މީހުން ރަޖިސްޓަރކޮށްފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެންނެވެ. އެއަށްފަހު ދެން އެންމެ ގިނައީ އެކިކަލަ ނުކުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓަރކޮށްފައިވާ މީހުންނެވެ.
- މަލްޓިޕަލް ޑިސްއެބިލިޓީ: 3520 މީހުން
- ސިކުނޑީގެ ނުކުޅެދުންތެރިކަން: 1820 މީހުން
- ނަފްސާނީ ނުކުޅެދުންތެރިކަން: 2435 މީހުން
- އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން: 1866 މީހުން
- ފެނުމުގެ ނުކުޅެދުންތެރިކަން: 1030 މީހުން
- އޯޓިޒަމް: 593 މީހުން
- އުނގެނުމުގެ ނުކުޅެދުންތެރިކަން: 58 މީހުން
- ޖިސްމާނީ ނުކުޅެދުންތެރިކަން: 4227 މީހުން
މިދިޔަ މަހު އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް 265 މީހަކަށް 4،849،860 ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ 195 ފިރިހެނުންނަށާއި 70 އަންހެނުންނަށެވެ.
- ބިހޭވިއަރ ތެރަޕީ: 64 މީހުން (1.2 މިލިޔަން ރުފިޔާ)
- އޮކިއުޕޭޝަނަލް ތެރަޕީ: 71 މީހުން (1.3 މިލިޔަން ރުފިޔާ)
- ސައިކޯ ތެރަޕީ: 6 މީހުން (46،800 ރުފިޔާ)
- އަރލީ އިންޓަރވެންޝަން: 5 މީހުން (34،200 ރުފިޔާ)
- ސްޕީޗް ތެރަޕީ: 73 މީހުން (1.3 މިލިޔަން ރުފިޔާ
- އެޑިއުކޭޝަނަލް ތެރަޕީ: 43 މީހުން (773،035 ރުފިޔާ)
- ފިޒިއޯ ތެރަޕީ: 3 މީހުން (39،960 ރުފިޔާ)
މި އެހީ ހަމަޖައްސައިދިން އުމުރުފުރާއަށް ބަލއިރު 18 އަހަރުން ދަށުގެ 256 ކުދިން ހިމެނެއެވެ. އަދި އުމުރުން 18 ަހަރާއި 64 އަހަރާ ދެމެދުގެ 8 މީހަކާއި 65 އަހަރުން މަތީގެ މީހެއްވެސް ހިމެނެއެވެ.