ޚަބަރު

އެމްއެމްއޭގެ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރުކުރުން ކުށަކަށް


  • ބޭރު ފައިސާ ވިއްކައިފިނަމަ 25،000 އާއި 1 މިލިޔަން ރުފިޔާއާ ދެމެދަށް ޖޫރިމަނާކުރާނެ

  • އިޝްތިހާރުކޮށްފިނަމަ 25،000 އާއި 500،000 ރުފިޔާއާ ދެމެދަށް ޖޫރިމަނާކުރާނެ

އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި އަދަބުތައް ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާޙުގެ ތެރޭގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކުރީ، ސަރުކާރުގެ ފަރާތުން ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާޙު ކުރުމަށް ހުށަހަޅުއްވާފައިވާ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމާ ގުޅިގެން ބިލު އަލުން ދިރާސާކުރުމުގެ މަރުހަލާގެ ތެރެއިންނެވެ. އަލަށް ހުށަހެޅި އިސްލާޙުތަކާއެކު ކޮމިޓީން ބިލު ފާސްކޮށްފައިވަނީ، ކޮމިޓީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުގައި ވަނީ، ބޭރުފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވިއްކާ ނުވަތަ ދޭ މުދަލާއި ޚިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތައް ކަމަށް ބަޔާންކޮށްފައެވެ. އަދި މި ފައިސާ ޖަމާކުރަންވާނީ، އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި، ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކުރަންވާނެ ކަމަށްވެސް އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާޙުގައި ކެޓަގަރީ-އޭގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %20 ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާޙުތަކާއެކު އިތުރު އިސްލާޙުތަކެއް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު ވަނީ، ކޮމިޓީގައި ހުށަހަޅުއްވާފައެވެ. މި އިސްލާޙުތަކުގެ ތެރޭގައި ބޭރު ފައިސާ ގަނެވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތިން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުންވެސް ކުށަކަށްވާނެއެވެ.

އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 އާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ޚިލާފަށް ބޭރު ފައިސާ އިސްތިހާރު ކުރުމާއި ޕްރޮމޯޓްކުރުމަކީވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާހު ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާޙުގައި އިސްތިހާރު ކުރުމާއި، ޕްރޮމޯޓް ކުރުން ކަމުގައި ބުނެފައިވަނީ ބޭރުފައިސާ އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާ ގަނެވިއްކުން އިސްތިހާރު ކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި، ޝާޢިއު ކުރުމާއި، ފެތުރުމާއި، ތަކުރާރު ކުރުމާއި ފޯރުކޮށްދިނުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި، އިޝްތިހާރު ކުރުމުގައި ޤާނޫނީ ޝަޚުސެއް ޝާމިލުވާނަމަ އެފަރާތެއް 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭރުފައިސާއާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ފާސްކުރީ، މެންބަރު މަމްދޫހު ހުށަހެޅުއްވި މި އިސްލާޙުތަކާއެކުގައެވެ.