ޚަބަރު

އައިސީސީގެ ވެރިންނަށް އެމެރިކާއިން ފިޔަވަޅު އަޅާތީ ކަންބޮޑުވުން


ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ އެންމެ އިސް ވެރިންނަށް އަމާޒުކޮށް އެމެރިކާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ޤާނޫނީ ބާރު ހިންގުމަށް ހުރަސްއެޅޭ ކަމެއް ކަމަށް، އެ ކޯޓުން ބުނެފިއެވެ.

ނެދަރލަންޑްސްގެ ދަ ހޭގްގައި ހުންނަ ކޯޓުން ނޫސްވެރިންނަށް ފޮނުވި ބަޔާނުގައި ބުނެފައިވަނީ، ޤާނޫނު ތަންފީޒުކުރުމުގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ބިރުދައްކައި އިންޒާރުދޭނަމަ، އޭގެ ނުރައްކާ ކުރިމަތިވަނީ މުޅި ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމަށް ކަމަށެވެ.

އަދި ޤައުމުތަކުން އައިސީސީއާ ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށް މަސައްކަތްކުރާ ފަނޑިޔާރުންނާއި، ޕްރޮސެކިއުޓަރުންނާއި، މުވައްޒަފުންނަށް އަމާޒުކޮށް ފިޔަވަޅުތައް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ ފިޔަވަޅުތަކާއެކުވެސް ކޯޓު އޮތީ އެއްވެސް ޖެހިލުންވުމެއް ނެތި، ކޯޓުގެ މުވައްޒަފުންނާއި، އަނިޔާ ލިބެމުންދާ މީހުންގެ ދިފާޢުގައި ސާބިތުކަމާއެކު ކަމަށްވެސް ބަޔާނުގައިވެއެވެ.

އެމެރިކާގެ މާލީ ވުޒާރާއިން ވަނީ، ސިޔާސީވެފައިވާ ކަމަށް އެ ޤައުމުން ތުހުމަތުކުރާ އައިސީސީގެ ރައީސް، ޖަޕާނުގެ ފަނޑިޔާރު ތޮމޯކޯ އަކާނޭއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މީގެ އިތުރުން ސެނެގާލްގެ ބޭފުޅެއް ކަމަށްވާ އެ ކޯޓުގެ ސީނިއަރ ވަކީލު ޢަބްދުﷲ ސޭއޭއާ ދެކޮޅަށްވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ފިޔަވަޅު އަޅާފައެވެ.

އެމެރިކާއިން މި ފިޔަވަޅުތައް އަޅާފައިވަނީ، 2024 ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެ ޤައުމުގެ ކުރީގެ ދިފާޢީ ވަޒީރު ޔޮއާވް ގާލަންޓް ހައްޔަރުކުރުމުގެ އަމުރު އައިސީސީން ނެރުމާއި، އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނާ ދެކޮޅަށް ހިންގި ތަޙުޤީޤުތަކާ ގުޅިގެންނެވެ.

ރޮއިޓަރސް ނޫހުގެ ހޯދުންތަކުން ދައްކާ ގޮތުގައި، މި ފިޔަވަޅުތަކުގެ އެއް ބޭނުމަކީ އެމެރިކާއިން ޤައުމުން ބޭރުގައި ހިންގާ އަސްކަރީ ޙަރަކާތްތަކާ ގުޅިގެން ޓްރަމްޕް ނުވަތަ އޭނާގެ ސަރުކާރުގެ އޮފިޝަލުން ޖަވާބުދާރީކުރުވުމަށް މުސްތަޤްބަލުގައި ކުރެވިދާނެ މަސައްކަތްތަކަށް ހުރަސްއެޅުމެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ މިދިޔަ މަހު ވިދާޅުވީ، އައިސީސީއަކީ އެމެރިކާގެ ސިފައިންނަށާއި، އިމިގްރޭޝަން ސިޔާސަތުތައް ތަންފީޒުކުރާ މުވައްޒަފުންނަށް އޮތް ނުރައްކަލެއް ކަމަށާއި، އެހެން ޤައުމުތައް އެ ކޯޓުން ވަކިވުމަށް ބާރުއެޅުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން އައިސީސީގެ އޮފިޝަލުންގެ އެމެރިކާގައި ހުރި ހަރުމުދާތައް ހިފަހައްޓައި، އެ ޤައުމަށް އެތެރެވުމާއި އެމެރިކާގެ މާލީ ނިޒާމުގެ ތެރެއިން މުޢާމަލާތްކުރުން މަނާވެގެންދެއެވެ. މިފަދަ ފިޔަވަޅުތަކަކީ ޤާނޫނާ ޚިލާފު ކަންކަން ކަމަށް ބުނެ، މިދިޔަ ޖޫން މަހު އައިސީސީގެ ތިން ފަނޑިޔާރަކު ވަނީ ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދަޢުވާވެސް އުފުލާފައެވެ.

ހަނގުރާމައިގެ ޖަރީމާތަކާއި، ނަޞްލު ހޭދަކުރުމާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އިންސާފު ހޯދައިދިނުމަށް 2002 ވަނަ އަހަރު އުފެއްދި އައިސީސީގައި އެމެރިކާ ބައިވެރިވެފައެއް ނުވެއެވެ.

އައިސީސީގެ އިޙްތިޞާސް މައިގަނޑު ގޮތެއްގައި ހިނގަނީ މެންބަރު ޤައުމުތަކަށް ކަމަށްވިޔަސް، މެންބަރު ނޫން ޤައުމުތަކުގެ ރައްޔިތުން، މެންބަރު ޤައުމެއްގެ ސަރަޙައްދުގައި ހިންގާ ބޮޑެތި ޖަރީމާތައް ބަލައި، ދަޢުވާކުރުމުގެ ބާރު ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އެ ކޯޓަށް ލިބިގެންވެއެވެ.