ކްލަބްގައި ދެމިހުރުމާމެދުވެސް ސުވާލު އުފެދިފައިވާ ފޯވާޑް އަލްވަރޭޒް ނުލައި, އެތްލެޓިކޯ މެޑްރިޑުން މޮޅަކުން އާސީޒަން ފަށައިފިއެވެ. ލަލީގާގެ އާ ސީޒަންގައި އެތްލެޓިކޯ މެޑްރިޑް ފެށީ ލީގަށް ޕްރޮމޯޓްވި މަލާގާ 2-0 ން ބަލިކޮށްގެންނެވެ.
މެޗުގައި އެތްލެޓިކޯ މެޑްރިޑަށް ލީޑް ނަގައިދިނީ 70 ވަނަ މިނިޓްގައި މިޑްފީލްޑަރ ލީ ކަން-އިން އެވެ. 57 ވަނަ މިނިޓްގައި ކުޅެން ނިކުމް, އޭނާ ލަނޑު ޖެހީ 13 މިނިޓްގެ ތެރޭގައެވެ. އެތްލެޓިކޯއާ އަލަށް ގުޅުނު މިޑްފީލްޑަރ ޓީމަށް ކުޅެދިން އަލަތު މެޗުގައި ގޯލް ޖަހައިގެން ޓީމް މޮޅުވުމުން ބުނީ މޮޅުވުމުން ހިތްހަމަ ޖެހިއްޖެ ކަމަށާއި, ކުރިއަށް އޮތް މެޗު އިތުރަށް ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. މެޗުގައި އޭނާގެ ޓެމްޕޯވެސް އެންމެ ރަނގަޅު ނޫން ކަމަށާއި, އެކަމަކު ކުރިއަށް ހުރި މެޗުތަކުގައި އިތުރަށް ރަނގަޅު ކުރާނެ ކަމަށް މެޗަށް ފަހު މީޑިޔާއަށް ބުންޏެވެ. އޭނާ އެތްލެޓިކޯއާ ގުޅުނީ ޕީއެސްޖީންނެވެ.
85 ވަނަ މިނިޓްގައި އެތްލެޓިކޯ މެޑްރިޑްގެ ދެވަނަ ގޯލް ޖެހީ މޮޅު ހިލޭޖެހުމަކުން އަލެކްސް ބައެނާ އެވެ. މެޗުގައި އެތްލެޓިކޯ މެޑްރިޑުން ޖެހި މޮޅު ދެ ގޯލަކީ އަލްވަރޭޒް ކްލަބް ދޫކޮށްލަފާނެ ކަމުގެ ކަންބޮޑުވުން އޮތް ޓީމްގެ ކޯޗު ޑިއެގޯ ސިމިއޯން އަށް އޮތް ހިތްހަމަ ޖެހުމެކެވެ.
އަލްވަރޭޒް ވަނީ ބާސެލޯނާއަށް ބަދަލުވާން ބޭނުންވާކަން އިއުލާނުކޮށްފައެވެ. ލެވަންޑޯސްކީގެ ބަދަލުގައި ބާސާއިންވެސް ގެންދަން ބޭނުންވަނީ އަލްވަރޭޒް އެވެ. އެކަމަކު އެތްލެޓިކޯއިން އުއްމީދު ކުރަނީ އާދިއްތަ ދުވަހު ވިޔަރެއާލްއާ ދެކޮޅަށް ކުޅޭ މެޗުގައި އަލްވަރޭޒް ބޭނުން ކުރެވޭނެ ކަމަށެވެ. ޓްރާންސްފަރ ދޮރު ބަންދުވަނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ.