އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމް އިން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް، އައިސީއައިއޭ ގެ ޕްލެޓިނަމް ޕާޓްނަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ހަމަޖައްސައިފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އިން 31 ގެ ނިޔަލަށެވެ. 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އައިސީއައިއޭ އަކީ ޢިލްމީ މައުލޫމާތު ބަދަލުކުރުމާއި، އިލްމީ ބަހުސްތައް ކުރުމުގެ އިތުރުން ހެކީގެ މައްޗަށް ބިނާކޮށް ކުރެވޭ އަމަލީ މަސައްކަތްތައް ރާއްޖޭގައި އިތުރުކުރުމަށް ފުރުސަތު ހުޅުވާލަދޭ މުހިންމު ޕްލެޓްފޯމެކެވެ.
ދިރާސާކުރުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، ރާއްޖޭގެ ތައުލީމީ އަދި ދިރާސާގެ ނިޒާމު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސް އަބަދުވެސް ދެމިއޮންނާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.