ޚަބަރު

ޣައްޒާގައި ޝަހީދުވި 50އަށްވުރެ ގިނަ މީހުންގެ ޖަނާޒާ ބާއްވައިފި


ޣައްޒާގެ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ 50އަށްވުރެ ގިނަ ހަށިގަނޑު ނަގައި، ޝަހީދުވި މީހުންގެ ޖަނާޒާ ބާއްވައިފިއެވެ.

އޮގަސްޓު މަހުގެ 20ވަނަ ދުވަހު ގިނަ ޢަދަދެއްގެ މީހުންގެ ޖަނާޒާ އެއްފަހަރާ ބޭއްވިއިރު، އެ މީހުންނަކީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަހޫދީން ޣައްޒާ ޢުދުވާނީ ޙަމަލާތައް ދޭން ފެށިތާ ކުރީކޮޅު ޝަހީދުވި މީހުންނެވެ. އެ މީހުންގެ ހަށިތައް އިމާރާތްތަކުގެ ދަށުން ނެގުނީ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. އޭގެ ތެރޭގައި ތަލް އަލް-ހަވާ އަވަށާއި، ޒައިތޫންއާއި ޞަބްރާއާއި ޝައިޚް ރަޟްވާންއާއި އަލް-ޝާޠީގެ އިމާރާތްތަކުގެ ދަށުން ނަގާފައިވާ މީހުންގެ ހަށިތައް ހިމެނެއެވެ. އޭގެ ތެރޭގައި އެއް ޢާއިލާތަކަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މީހުން ވެސް ހިމެނެއެވެ.

ޣައްޒާގެ ގިނަ ޢާއިލާތަކަކުން އަދިވެސް ދަނީ ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ގިނަ ޢަދަދެއްގެ މީހުންގެ ހަށިތައް ޣައްޒާގައި އުފެދިފައިވާ ގައުކުނޑިފުނިތަކުގެ ތެރެއިން ހޯދުމަށް މަސައްކަތްކުރަމުންނެވެ. ޣައްޒާގެ މަދަނީ ދިފާޢުއިން ލަފާ ކުރާ ގޮތުގައި އަދިވެސް 8،000އަށްވުރެ ގިނަ މީހުންނަށް ވީނުވީއެއް ނޭނގެއެވެ. ބެލެވޭ ގޮތުގައި އެ މީހުންގެ ހަށިތައް ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައެވެ.

ޣައްޒާގައި ހަށިތައް ހޯދުމުގެ މަސަައްކަތް ކުރުމަށް ބޮޑެތި ހުރަސްތައް އެބަހުއްޓެވެ. އެ މަސައްކަތުގައި މި ވަގުތު ބޭނުން ކުރަނީ އެންމެ އެކްސްކެވޭޓަރެކެވެ. އޭގެ ސަބަބުން ހަށިތައް ހޯދުމުގެ މަސައްކަތުގައި ބޮޑެތި ލަސްތައް ކުރިމަތިވެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް، މުނީރު އަލް-ބުރްޝް ވިދާޅުވީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ހަށިތައް ނެގުމަށް ބޮޑެތި މެޝިނަރީ ބޭނުންވާ ކަމަށެވެ. އަދި ސަރޗް އެންޑް ރެސްކިޔު މަސައްކަތަށް ބޭނުންވާ އާލާތްތަކުގެ އިތުރުން ފޮރެންސިކް އާލާތްތައް ވެސް ޣައްޒާއަށް އެތެރެކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އޭނާ ގޮވާލައްވާފައިވެއެވެ. ޝަހީދުވެފައިވާ މީހުންގެ ހަށިތައް ހޯދައި، އެ މީހުންގެ ވަނަވަރު ދެނެގަތުމަށް އެ އާލާތްތައް ކޮންމެހެން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ދިގު މުއްދަތަކަށް ހަނގުރާމަ ދެމިގެން ގޮސްފައިވާއިރު، މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ވަނީ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކޮށްފައެވެ. ޔަހޫދީންގެ ޙަމަލާތައް އަދިވެސް ދަނީ ޣައްޒާއަށް އަމާޒުވަމުންނެވެ. އެއްބަސްވުން ޤާއިމްކުރި އިރު ޣައްޒާގެ ދެބައިކުޅަ އެއްބައި އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ޔަހޫދީން މިހާރު ބުނަމުން ދަނީ ޣައްޒާގެ 70 އިންސައްތަ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަނގުރާމަ ފެށުނު ފަހުން އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ޔަހޫދީން ވަނީ މައުސޫމް ކުޑަކުދިންނާއި ކުށެއް ނެތް އަންހެނުން ހިމެނޭ ގޮތަށް ޣައްޒާގެ 73،400 މީހުން ޝަހީދުކޮށްލައިފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި 174،300 މީހުންނަށް ޒަޚަމްވެފައިވެއެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 1،266 ރައްޔިތުން ޝަހީދުކޮށްލައި، 4،200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްކޮށްލައިފައެވެ. ޣައްޒާގެ ބިނާރުތަކުގެ 90 އިންސައްތައަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައި، ނުވަތަ އެއްކޮށް ސުންނާފަތިވެފައެވެ.