ދަރިވަރުންނަށް އުޖާލާ މުސްތަގުބަލެއް ބިނާކުރެވޭނީ ފޯރުކޮށްދެވޭ ތައުލީމުގެ އިތުރުން، ތަރުބިއްޔަތާއި ރިވެތި އަޚުލާޤުވެސް އެދަރިވަރުންނަށް ދަސްކޮށްދީގެންކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ތުޅާދޫ ސްކޫލުގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
ސްޓޭޓް މިނިސްޓަރ ޑރ. އަޙުމަދު ވިދާޅުވީ، ތައުލީމަކީ ގައުމެއްގެ ކުރިއެރުމާއި އިގުތިޞާދުގެ މައި ތަޅުދަނޑީގެ އިތުރުން ގައުމެއްގެ ތަރައްގީގެ ނާރެސް ކަމަށެވެ. އަދި ވޭތުވެދިޔަ މާޒީގައި ސްކޫލު ތައުލީމު ބައްޓަންކުރެވިފައި ވަނީ އިމްތިހާނުތަކުން ފާސްވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށްކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ތަރުބިއްޔަތާއި ރިވެތި އަހުލާގާއި މަސައްކަތުގެ ހުނަރާއި ދިރިއުޅުމުގެ ހުނަރުތަކާ ނުލައި ދަރިވަރުންނަށް ކިތަންމެ ގިނަ މައުލޫމާތެއް ފޯރުކޮށްދިން ނަމަވެސް ބޭނުންވާ ނަތީޖާ ނުނިކުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުމުގައި މަސައްކަތްކުރެވޭނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ އަޅުގަނޑުމެންގެ މުޖުތަމައުގައި ޒަމާނުއްސުރެ އަށަގެންފައިވާ ރިވެތި އަހުލާގާއި ސުލޫކާއި ސިފަތަކުން އަޅުގަނޑުމެންގެ ދަރިވަރުން ބީރަށްޓެހިވެގެން ދިއުން. ދިވެހިން ޒަމާނުއްސުރެ އެކަމަށްޓަކައި ފަހުރުވެރިވާ މަސައްކަތްތެރިކަމާއި ފަންނުވެރިކަން ނެތިގެންދިއުން. މި ސަބަބުތަަކަށްޓަކައި އަޅަގަނޑުމެންގެ ތައުލީމީ ސިޔާސަތުތަަކަށް ގެންނަންޖެހޭ ބަދަލުތައް ޒަމާނާއެއްގޮތަށް ގެންނަންއެބަޖެހޭ." ސްޓޭޓް މިނިސްޓަރ ޑރ. އަޙުމަދު ވިދާޅުވިއެވެ.
ޒަމާނާ އެއްގޮތަށް ތައުލީމީ ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މަތީ ސާނަވީގެ ފުރުސަތުތައް ފަހިކުރުމުގައި އެކަޑަމިކް ޕާތްވޭތަކުގެ އިތުރުން ވޮކޭޝަނަލް ޕާތްވޭތަށްވެސް އިހުތިޔާރުކުރުމުގެ ފުރުސަތު މިހާރު ދަރިވަރުންނަށް ފަހިކޮށްދީފައިވާނެ ކަމަށެވެ. މީގެ އިތުރުން ވުޒާރާއިން މިހާރު "ބިންގާ"ގެ ނަމުގައި ތަރުބަވީ ހާއްސަ ޕްރޮގްރާމެއްވެސް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.
1936ވަނަ އަހަރު އުފެދުނު ތުޅާދޫ ސްކޫލަކީ ރާއްޖޭގައި ހުރި 3 ވަނައަށް އެންމެ ދުވަސްވީ ސްކޫލުކަން ފާހަގަކުރައްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ވޭތުވެދިޔަ 90 އަހަރުގެ ތެރޭގައި އެ ސްކޫލުގެ ޚިދުމަތް ފަނޑުނުވެ ދެމިއޮތީ ތުޅާދޫ ރައްޔިތުން ކެތްތެރިކަމާއެކު ކުރި މަސައްކަތާއި ވީ ގުރުބާނީގެ ސަބަބުން ކަމަށެވެ. އަދި މި ސްކޫލުން ތައުލީމު ހާސިލުކުރި އެތައް ދަރިވަރުންނެއް ދައުލަތުގެ އިސް މަގާމުތައް ފުރުއްވާ އަދި މިހާރުވެސް ފުރުއްވަމުންދާކަން ފާހަގަކުރެއްވިއެވެ.
ތުޅާދޫ ސްކޫލުގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި، އެ ސްކޫލަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ 18 ފަރާތަކަށް ވަނީ ޝުކުރުގެ ފިލައާއި ޝުކުރުގެ ލިޔުން ޙަވާލުކޮށްފައެވެ. މި ފަރާތްތަކަށް ފިލާ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދުއެވެ.