ފަލާޙު ޕްރީސްކޫލުގެ ވެބްސައިޓު އިފްތިތާޙުކޮށްފިއެވެ. މި ވެބްސައިޓު އިފްތިތާޙުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ފަލާހު ޕްރީސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެސްކޫލުގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް އަރުއްވާފައިވެއެވެ. ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލާ، އެމަނިކުފާނަށް އެރުވީ، ފަލާޙް ޕްރީސްކޫލްގެ ޗީފް އެގްޒެކެޓިވް، އަލްޤާރީ އަލްހާފިޡް ޢަބްދުއްސައްތާރު އަބޫބަކުރެވެ.
މި ރަސްމިއްޔާތުގައި ފަލާޙު ޕްރީސްކޫލުގެ ޚިދުމަތުގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަރާތްތަކަށް ހަނދާނީ ފިލާވެސް ދީފައިވެއެވެ. އަދި އެ ސްކޫލުގެ ލޯގޯ ފަރުމާކުރި ފަރާތްތަކަށްވެސް މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ސެޓްފިކެޓު ދީފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަލާޙު ޕްރީސްކޫލުގެ ޗީފް އެގްޒެކެޓިވް އަލްޤާރީ އަލްހާފިޡު އަބްދުއްސައްތާރު އަބޫބަކުރު ވަނީ، ފަލާޙު ޕްރީސްކޫލު މިހާހިސާބަށް ގެނައުމަށް އެހީތެރިވެދިން ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ފަލާޙު ޕްރީސްކޫލަކީ، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ފަލާޙުގެ ދަށުން ހިންގަމުން އަންނަ ސްކޫލެކެވެ. އެ ޖަމިއްޔާއަކީ، 1961 ވަނަ އަހަރު ސަރުކާރުގައި ރަސްމީކޮށް ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ބާނީއަކީ މަރްހޫމް، އަބޫބަކުރު އިބްރާހިމެވެ.
ޖަމިއްޔަތުލް ފަލާޙުން ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށްދިނުމަށް ހިންގަމުން އައި ތަފާތު ހަރަކާތްތައް ފުޅާވެ، މަދަރުސަތުލް ފަލާޙުގެ ނަމުގައި ސްކޫލެއް އުފެއްދީ، 1976ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުއެވެ. އޭގެފަހުން ތުއްތު ކުދިންނަށް ޚާއްސަކޮށް ޕްރީސްކޫލު ތައުލީމުގެ ޚިދުމަތް ވަނީ ފަށާފައެވެ. އެ ސްކޫލުގެ ނަން ފަލާޙު ޕްރީސްކޫލަށް ބަދަލުކުރީ، 2001ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 23ވަނަ ދުވަހުއެވެ.
މަދު އަދަދެއްގެ ދަރިވަރުންނާއެކު ފެށި މި ސްކޫލުގައި މިހާރުދަނީ، ނާސަރީއާއި ބޭބީ ނާސަރީގެ ކްލާސްތައް ހިންގަމުންނެވެ. އަދި ސްކޫލުގައި މިވަގުތު ކިޔަވައިދެމުން ދަނީ، ދެ ދަންފަޅިއަށެވެ. ފަލާޙު ޕްރީސްކޫލަކީ، އެންމެފަހުގެ ވަސީލަތްތަކާއެކު ޒަމާނަށް އަންނަ ބަދަލުތަކަށް މުދައްރިސުން ތަމްރީނުކޮށްގެން ކިޔަވައިދެމުންދާ ސްކޫލެކެވެ. 2015އިން ފެށިގެން މި ސްކޫލުގައި ކިޔަވައިދެމުންދަނީ، ޤައުމީ މަންހަޖާ އެއްގޮތަށެވެ.