ރާއްޖޭގެ އެކި ރަށްރަށުގައި އަލަށް އާބާދުވާ ސަރަޙައްދުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފެނަކައިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ހަތަރު ރަށެއްގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.
ރަށްރަށުން އަލަށް ދޫކުރާ ބިންތަކާއި، އަދި ބިން ހިއްކައިގެން މީހުން އާބާދުކުރާ ސަރަޙައްދުތަކަށް ޔުޓިލިޓީގެ ޚިދުމަތް ލިބުން ލަސްވުމަކީ، ރައްޔިތުންގެ އޮތް ކަންބޮޑުވުމެކެވެ.
މި މަޝްރޫއުގެ ދަށުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިވާ ރަށްތަކަކީ ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ތ. ބުރުނި އަދި ތ. ތިމަރަފުއްޓެވެ.
މި ރަށްތަކުގެ ތެރެއިން ލ. ފޮނަދޫގައި އަލަށް އާބާދުވާ ސަރަޙައްދަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމާފަވާކަމަށް ފެނަކައިން ވިދާޅުވެއެވެ. މިއާއެކު އެ ސަރަޙައްދުގެ 80 ގޭބިސީއަކަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ތ. ބުރުނީގައި އަލަށް އާބާދުވާ 48 ގޭބިސީއަކަށްވެސް މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
ނޮޅިވަރަންފަރާއި ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ބޭނުންވާ ނެޓްވޯކް އެކްސްޓެންޝަންގެ މަސައްކަތްވެސް ނިމިދިޔަ އަހަރުގެ ތެރޭގައި ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން ނޮޅިވަރަންފަރުގައި 825 މީޓަރުގެ ލޯ-ވޯލްޓޭޖް ކޭބަލް ވަޅުލައި، 12 ޑިސްޓްރިބިއުޝަން ފޮށި ވަނީ ހަރުކޮށްފައެވެ.
ރ. މާކުރަތާއި އެ އަތޮޅު ވާދޫގައި އަލަށް އާބާދުވާ ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑު ބައެއްވެސް މިހާރު ނިމިފަވާއިރު، މި ރަށްތަކުގެ ބާކީ ހުރި މަސައްކަތްތައް އަވަހަށް ނިންމައި، ދާއިމީކޮށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް ފެނަކައިން ވިދާޅުވެއެވެ.
ފެނަކައިގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި އަލަށް އާބާދުވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، އަސާސީ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުންކަން އެ ކުންފުނިން ފާހަގަކުރެއެވެ.