ޚަބަރު

ވިޒިޓް މޯލްޑިވްސްއިން "އެފްއެޗްއޭއެމް 2026" އެންޑޯޒްކޮށްފި


  • ސިނާއަތާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް މި ފެއާގެ ތެރެއިން ކުރިއަށްދާނެ

  • 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވޭ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން، ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް، އެފްއެޗްއޭއެމް 2026 ރަސްމީކޮށް އެންޑޯޒްކޮށްފިއެވެ.

ވީއެމްސީން މި މައުރަޒު އެންޑޯޒްކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، މި ސިނާއަތުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

އެފްއެޗްއޭއެމް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 އިން 9 އަށް، ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓަލުގައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައިނަލްއަޤުވާމީ ވިޔަފާރީގެ މައުރަޒަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ މާހިރުންނާއި، ރިސޯޓުތަކާއި ހޮޓާތަކުގެ އިސްވެރިންނާއި، ޝެފުންނާއި ސަޕްލަޔަރުން އަދި ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

މި މައުރަޒުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 100 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި ބްރޭންޑްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ 120 އަށްވުރެ ގިނަ ރިސޯޓާއި ހޮޓާތަކުގެ ޓީމުތަކުން ބައިވެރިވާނެއެވެ. މި މައުރަޒުގައި ކާބޯތަކެތީގެ އުފެއްދުންތަކާއި، ކޮމާޝަލް ބަދިގޭގެ ސާމާނާއި، ހޮސްޕިޓާލިޓީ ޓެކްނޮލޮޖީއާއި، ބޭކަރީ، ހައުސްކީޕިންގ އަދި ވެލްނެސް ދާއިރާއާ ގުޅުންހުރި އެންމެ ފަހުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލާނެއެވެ.

މި ހަރަކާތުގެ އެންމެ ޚާއްސަ އެއް ބަޔަކީ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް ސޮސައިޓީސް "ވޯލްޑްޝެފްސް" އިން އެންޑޯޒްކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ރަސްމީ ކަލިނަރީ މުބާރާތް ކަމަށްވާ "ގްލޯބަލް ކަލިނަރީ ޗެލެންޖް" އެވެ. މި މުބާރާތުގެ އެކި ބައިތަކުގައި 700 އަށްވުރެ ގިނަ ޝެފުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުނަރުވެރި ފަރާތްތަކުގެ ފެންވަރު ބައިނަލްއަގުވާމީ މިންގަނޑަށް ދައްކާލުމަށް ލިބޭ އަގުހުރި މަންސައެކެވެ. ބަރިސްޓާ ޗެމްޕިއަންޝިޕާއި، މޮކްޓެއިލް މުބާރާތާއި، ހައުސްކީޕިންގ އަދި ބެޑް ޑެކަރޭޝަން ޗެލެންޖްގެ އިތުރުން ސިނާއަތާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް މި ފެއާގެ ތެރެއިން ކުރިއަށްދާނެއެވެ.

އަލަށް ހުޅުވުނު މެންހަޓަން ގްރޭންޑް ހޮޓަލުގައި ބާއްވާ ފުރަތަމަ ބޮޑު ހަރަކާތުގެ ގޮތުގައި މި މައުރަޒު ވެގެންދާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ އުމްރާނީ ވަސީލަތްތައް ފުޅާވަމުން އަންނަކަމުގެ ހެއްކެއްކަމަށް ވީއެމްސީން ވިދާޅުވެއެވެ.

ވިޒިޓް މޯލްޑިވްސްއިން އެފްއެޗްއޭއެމް 2026 އެންޑޯޒްކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަންނީ ކުރިއެރުމަށާއި، ބައިނަލްއަގުވާމީ ފެންވަރުގެ ގުޅުންތައް ބަދަހިކުރުމަށް ދޭ ޚާއްސަ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދަމަހައްޓައިދިނުމަކީ ވީއެމްސީގެ އަމާޒުކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.