ތ. ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފުގެ މައްޗަށް ކުރި ދަޢުވާތައް އަނބުރާ ގެންގޮސްފައިވަނީ މައްސަލައިގެ ލިޔުންތައް ދިރާސާ ކުރިއިރު، ދަޢުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިނުވާތީ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، އަފްލާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަޙުޤީޤު ނިންމައި މިއަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ދަޢުވާ ނުކުރުމަށް ނިންމައި މައްސަލަ އަނބުރާ ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވާފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
އެ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލުމާ ގުޅިގެން ފުލުހުން ވަނީ، މިމައްސަލަ މުރާޖަޢާ ކޮށްދިނުމަށް އެދިފައެވެ. ނަމަވެސް މައްސަލަ މުރާޖަޢާ ކުރުމަށް ހިނގާ މުއްދަތުގައި، މައްސަލާގައި ދަޢުވާކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވާނެތީ އެކަމަށް ރިޢާޔަތްކޮށް، އާދަމް ޢަދްލާން ލަޠީފުގެ މައްޗަށް 2 ދަޢުވާއެއް ކުރުމަށް މެއި މަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
އޭނާގެ މައްޗަށްކުރި ދަޢުވާތަކުގެ ތެރޭގައި ޤާނޫނުލްޢުޤޫބާތުގެ 246 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ކޮމްޕިއުޓަރ ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމާއި، ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު ގެންގުޅުން ހިމެނެއެވެ. މި ދަޢުވާތައް ކޯޓަށް ހުށަހަޅާފައިވާނީ، ދަޢުވާ ކުރުމުގެ މުއްދަތު ހަމަވާތީ އެވަގުތު ދަޢުވާކުރުމުގެ ފިޔަވަޅު ނާޅައިފިނަމަ، ފަހުން ދަޢުވާއެއް ކުރުމުގެ ފުރުޞަތު ޤާނޫނީ ގޮތުން އެއްކޮށް ބަންދުވާނެތީ ކަމަށް ޕީޖީ އޮފީހުން ފާހަގަކުރައްވައެވެ.
އެގޮތުން ކޯޓަށް ހުށަހެޅުމަށްފަހު ދަޢުވާތައް މުރާޖަޢާކޮށް، ދައުވާތައް އަނބުރާ ގެންދިޔައީ ހަތަރު ސަބަބަކާއި ހުރެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
އޭގެތެރެއިން ފުރަތަމަ ކަމަކީ، މި މައްސަލާގައި އާދަމް ޢަދްލާން ލަޠީފުގެ މައްޗަށް ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުމުގެ ތުހުމަތު ކުރިނަމަވެސް، އެފަދަ އެއްޗެއް މީނާ ވިއްކައި ވިޔަފާރިކުރިކަން ނުވަތަ އެހެން މީހަކަށް ފޮނުވިކަން ނުވަތަ އެފަދަ ނެޓްވޯކަކާ ގުޅުމެއް އޮތްކަން އެނގޭނެ އެއްވެސް ހެއްކެއް ހޯދިފައި ނެތުމެވެ. ދެވަނަ ކަމަކީ، މި މައްސަލާގައި ގިނަ ޑިޖިޓަލް ޑިވައިސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވީ ނަމަވެސް، އޭގެ ތެރެއިން ގިނަ ޑިވައިސްތަކަށް އާދަމް ޢަދްލާން ލަޠީފް ޒިންމާ ކުރުވޭ މިންވަރަށް ހެކި ލިބިފައިނުވުމެވެ.
މީގެއިތުރުން އާދަމް ޢަދްލާން ލަޠީފްއާ ގުޅުވައިލެވޭ ޑިވައިސްތަކުން އޮރިޔާންކާޑު ފެނިފައިވީ ނަމަވެސް، އެއީ ކުޑަކުދިންގެ އޮރިޔާން ކާޑުކަން ސާބިތުކޮށްދޭ މިންވަރަށް ހެކި ހޯދިފައި ނުވާކަން ޕީޖީން އޮފީހުން ފާހަގަކުރައްވައެވެ. ނަތީޖާއެއްގެ ގޮތުން ކޮމްޕިއުޓަރ ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދަޢުވާ ކުރިއަށް ގެންދެވެން ނެތްކަމަށް އެ އޮފީހުން ވިދާޅުވިއެވެ.
މައްސަލާގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު، އާދަމް ޢަދްލާން ލަޠީފުގެ މައްޗަށް ކުރިއަށް ގެންދެވެން އޮތް ހަމައެކަނި ދަޢުވާއަކީ، އޮރިޔާންކާޑު ގެންގުޅުމުގެ ދަޢުވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ޤާނޫނުގައި އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ، 1 މަހާއި 6 ދުވަހަށް ޖަލަށްލުން އަދި ކުށަށް ކަނޑައެޅޭނެ އެންމެ ކުޑަ އަދަބަކީ 9 ދުވަހަށް ޖަލަށްލުމެވެ.
އެހެންކަމުން އާދަމް ޢަދްލާން ލަޠީފް ތަޙުޤީޤު މަރުޙަލާގައި ބަންދުގައި 28 ދުވަސް ހޭދަކޮށްފައިވާތީ، ދަޢުވާ ސާބިތުވާ ޙާލަތުގައި ކުށަށް ކަނޑައެޅެން އޮތް އަދަބުން ތަޙުޤީޤު ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އިތުރަށް ތަންފީޛުކުރާނެ އަދަބެއް ނޯންނާނެތީ، މި ދަޢުވާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނަ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.