ވަށާޖެހޭ ތަރައްޤީއާއެކު ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް މި ސަރުކާރުން ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ގްލޯބަލް ބިޒްނަސް ނެޓްވަރކް ފޯރަމުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމަކަށްވިނަމަވެސް ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ އެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ތަރައްގީގެ ފުރުސަތުތަކަށް ބަދަލުކުރަމުން އަންނަ ޤައުމުތައް ކަމަށެވެ. އެގޮތުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ މިފަދަ ޤައުމުތަކުގެ އިގްތިސާދުގެ އިންޖީނު ކަމަށާއި އެފަދަ ވިޔަފާރިތަކުގެ ޚިޔާލުތައް ތަރައްގީކުރެވޭނެފަދަ މާހައުލެއް ގާއިމުކޮށް، ބައިނަލްއަގުވާމީ މާކެޓަށް ވަނުމުގެ ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއެކު ދެމެހެއްޓެނިވި ޚިޔާލުތައް ހަގީގަތަކަށް ހަދައި، ވިޔަފާރިތައް ކުރިއެރުވުމަށް ސިޔާސަތުތައް އެކުލަވާލާއި، މާލީ އެހީތެރިކަމާއި އިންފްރާސްޓްރަކްޗަރ ޤާއިމުކޮށްދެއްވާނެ ކަމަށެވެ.
"ފައިނޭންސް އަކީ، މި އިކޯސިސްޓަމްގެ އެންމެ ބައި. ވިޔަފާރިވެރިންނަށްވެސް އައު އީޖާދުތަކާއި ޚިދުމަތްތަކާއި ވިޔަފާރިތައް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތާއި ނެޓްވޯކްތައް ފޯރުކޮށްދޭންޖެހޭ. އެހެންވެ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް ހޯދައިދީ، ޑިޖިޓަލް ވަސީލަތޔްތައް ހަރުދަނާކޮށް، އިންވެސްޓްމަންޓަށް މަގުފަހިކުރުމަށް. އަދި އަމިއްލަ ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ވިޔަފާރިތައް ފެށުމަށާއި، ކުރިއެރުމަށް އަދި ފުޅާ ދާއިރާއެއްގައި، އިންވެސްޓްކުރުމަށް ފަސޭހަ މާހައުލެއް އުފެއްދުމަށް" ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް އެކްސްޕޯ ފަދަ މަންސަތައް ބޭނުންކޮށްގެން އުފެއްދުންތެރިކަމާއި ވިޔަފާރިވެރިވެރިންގެ ޚިޔާލާއި ޤާބިލުކަން ދައްކާލުމުގެ ފުރުޞަތުތައް ފަހިކޮށްދެއްވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިފަދަ މަންސަތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ މާކެޓްތަކަށް ވާސިލްވުމަށް ފުރުސަތު ލިބިގެންދާ ކަމަށެވެ. އަދި ދިވެހި ޑިޖިޓަލް ވޮލެޓުތައް ތަޢާރަފުކޮށް، ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތައް ފުޅާ ކުރުމާއި ބައިނަލްއަގުވާމީ އެކި ވިޔަފާރި މަންސަތަކާއެކު ވެވޭ އެއބަސްވުންތަކުގެ ސަބަބަބުންވެސް ދިވެހި ވިޔަފާރިތަކަށް ގިނަ ފުރުސަތުތައް ފަހިވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މޯލްޑިވްސް 2.0 ސިޔާސަތު މެދުވެރިކޮށް، ރާއްޖެފަދަ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ފުރުސަތުތައް ފަހިވެގެެންދާނެ ކަމަށާއި މިހާރުވެސް ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ އައު އިންވެސްޓްމަންޓްތަކުގެ ސަބަބުން ފުރުސަތުތައް ފުޅާވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަށާޖެހޭ ތަރައްގީ ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޤައުމުތަކަށް އިންވެސްޓް ކުރުމަކީ އުފެއްދުންތެރިކަމާއި ވިލުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީއަށް ކުރެވޭ ސްޓްރެޓެޖިކް އިންވެސްޓްމަންޓުތަކެއް ކަމަށެވެ. އެގޮތުން، އެފަދަ ޤައުމުތަކަކީ އިއާދަކުރަނިވި ހަކަތަ އާއި ޑިޖިޓަލް ގޮތުންނާއި ފަތުރުވެރިކަމާއި ލޮޖިސްޓިކްސް އާއި ކްލައިމެޓް ސޮލިއުޝަންފަދަ ވިޔަފާރިތަކަށް ފަހި މާކެޓެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އިޝާރާތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުތަކުގެ ތަޖުރިބާތައް ހިއްސާކުރުމަކީ އެފަދަ ޤައުމުތަކުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެފަދަ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަކީ އިގްތިސާދީގޮތުން އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ..