ޚަބަރު

"އިންވެސްޓްމަންޓުގެ ބާޒާރުގައި ރާއްޖެއަކީ މިހާރު މަޤުބޫލު މަންޒިލެއް"


  • އަމިއްލަ ފަރާތްތަކުން ރާއްޖެއަށް ގެނެސްފައިވާ އިންވެސްޓްމެންޓުތަކަށް އަލިއަޅުއްވާލެއްވި

  • ޖަޒީރާ އިގުތިޞާދުތަކަށް އޮންނަ އިތުބާރު މިހާރު ބޮޑުވެފައިވާކަމަށް ވިދާޅުވި

ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއެކު އިންވެސްޓްމަންޓުގެ ބާޒާރުގައި މިހާރު ރާއްޖެއަކީ މަގުބޫލު މަންޒިލެއް ކަމަށް އިގުތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާބެހޭ ފޯރަމްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިގުތިޞާދީ ތަރައްގީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރަޖައަށް ރާއްޖެއަށް ވާސިލްވެވުނީ ތަރައްގީއަށް އިސްކަންދޭ ސިޔާސަތުތަކުގައި ދެމިތިބުމުގެ ސަބަބުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖަ ހާސިލުކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށާއި، މި ދަތުރުގައި އިންވެސްޓަރުންނަކީ މުހިންމު ބައިވެރިއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ފާއިތުވި 45 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިސްލާޙުކުރެވުނު އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ސާފު އަދި އިތުބާރު ހުރި އޮނިގަނޑެއް ފަހިކޮށްދޭނެ ޤާނޫނެއް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް އިންވެސްޓްމެންޓުގެ ދާއިރާގައި ވާދަކުރުމާއި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭހެން، ދިވެހި ވިޔަފާރިތަކަށް ވާދަކުރުމާއި، ބައިވެރިވުމާއި އަދި ކުރިއެރުމުގެ ފުރުޞަތު އޮތުމަކީ އަޅުގަނޑުމެންގެ ސާފު ސިޔާސަތެއް. އެހެންކަމުން، ސީދާ ބޭރުގެ އިންވެސްޓްމަންޓްތަކަކީ ޤައުމީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި މަރުޙަބާ ކިޔާކަމެއް. ހާއްޞަކޮށް ޑިޖިޓަލް އިގުތިޞާދާއި، މާލީ ޚިދުމަތްތަކާއި، އިއާދަކުރަނިވި ހަކަތައާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ޞިއްޙަތު އަދި ތަޢުލީމީ ދާއިރާއިން. އަދި އިންވެސްޓްމަންޓްތަކުގެ ފައިދާ އަޅުގަނޑުމެންގެ އަމިއްލަ ރައްޔިތުންނަށް ވާސިލުވާންޖެހޭ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ގެނެސްފައިވާ އިންވެސްޓްމެންޓުތަކުން ކުދި ޖަޒީރާ އިގުތިޞާދުތަކަށް އޮންނަ އިތުބާރު ބޮޑުވެފައިވާކަން ހާމަވެގެންދާ ކަމަށެވެ. އެގޮތުން ގޫގުލްއިން އިންޑިއާ ކަނޑު ހުރަސްކޮށް އަޅާ "ދިވަރު" ސަބްމެރިން ކޭބަލް މަޝްރޫޢު، އަދި ނޫނު އަތޮޅުގައި ހިންގާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" ފަދަ މަޝްރޫޢުތަކަކީ ރާއްޖޭގެ ތާރީޚުގައި އަމިއްލަ ފަރާތަކުން ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓްމަންޓުތަކެވެ. މިފަދަ އިންވެސްޓްމެންޓުތަކުގެ ސަބަބުން އިންވެސްޓްމެންޓުގެ ބާޒާރުގައި މިހާރު ރާއްޖެއަކީ މަގުބޫލު މަންޒިލަކަށްވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑްތަކުން ރާއްޖޭގައި އެ ފަރާތްތަކުގެ ޚިދުމަތްތައް ފުޅާކުރަމުން ދިއުމަކީ، އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އޭގެ ދުރު މުސްތަޤްބަލަށް އޮތް އިތުބާރު ހާމަކޮށްދޭކަމެއް. ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ކުންފުންޏަކާއި، ކުރިއަރާފައިވާ ހޮސްޕިޓާލިޓީ ބްރޭންޑްތަކާއި، އަދި އަޅުގަނޑުމެންގެ ތާރީޚުގައިވެސް އެންމެ ބޮޑު ޓައުންޝިޕް މަޝްރޫޢު. މިއީ ބޮޑެތި، އުންމީދީ އަދި ކުޑަ ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމަކަށް ފޯރުކޮށްދެވޭނެ ކަންކަމަށް އޮތް އިތުބާރު ރަމްޒުކޮށްދޭ އިންވެސްޓްމަންޓްތަކެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޖަޒީރާ ޤައުމުތަކަށް ބައިނަލްއަޤްވާމީ އިންވެސްޓްމަންޓްތައް ގެނައުމަށް، އޮނިގަނޑުތައް ހަރުދަނާކޮށް، ކަންކަން ހިންގުމުގައި ދެފުށްފެންނަ ގޮތް އިސްކޮށް، އަދި އިންވެސްޓްމަންޓްތަކަމަށް މަރުހަބާ ކިޔާ ގައުމަކަށްވުން މުހިންމު ކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުން އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތްކޮށް، އިންވެސްޓަރުންނާ ވާހަކަދެއްކުމުގައި އެއް އަޑަކުން ވާހަކަދެއްކުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ.