ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހަނގުރާމަތކުގެ ތެރެއިން ފެން އުފައްދާ ވަޞީލަތްތަކަށް ދޭ ހަމަލާތަކާއި ނުރައްކާތައް އިންތިހާއަށް އިތުރުވަމުންދާ މައްސަލައަށް ބައިނަލްއަޤްވާމީ ސަމާލުކަން ލިބިއްޖެއެވެ.
މި މައްސަލައަށް ޙާއްސަ ސަމާލުކަމެއް ދެވިފައިވަނީ ސްވީޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ފެށުނު "ވޯލްޑް ވޯޓަރ ވީކް" ކޮންފަރެންސްގައެވެ.
ސްޓޮކްހޯމް އިންޓަނޭޝަނަލް ވޯޓަރ އިންސްޓިޓިއުޓް (ސީވީ) އިން އިންތިޒާމުކުރި މި ކޮންފަރެންސްގައި، ދުނިޔޭގައި ފެނުގެ ރައްކާތެރިކަމަށް ހުރި ބޮޑެތި ގޮންޖެހުންތަކާ މެދު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
އެމެރިކާގެ ޕެސިފިކް އިންސްޓިޓިއުޓުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024ވަނަ އަހަރު ފެނާ ގުޅޭ 420 ހަމަނުޖެހުންތަކެއް ނުވަތަ ކުރިމަތިލުންތަކުގެ ޙާދިސާއެއް ވަނީ ރެކޯޑުކުރެވިފައެވެ. މިއީ 2022ވަނަ އަހަރު ރެކޯޑުކުރެވުނު 235 ޙާދިސާއާ އަޅާބަލާއިރު 78 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މި ނުރައްކާތެރި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދިގުލައިގޮސްފައިވާ ހަނގުރާމަތަކުގައި ފެނުގެ ވަޞީލަތްތަކަށް އަމާޒުކޮށް ދެވޭ ޙަމަލާތަކާއި، ހަނގުރާމައިގެ ސަރަޙައްދުތަކުގައި ފެން ހޯދުމަށް ކުރިމަތިވެފައިވާ ދަތިތަކެވެ.
ވޭތުވެދިޔަ 30 އަހަރަށްވުރެ ގިނަ ދުވަހު "ވޯޓާ ކޮންފްލިކްޓް ކްރޮނޮލޮޖީ" މެދުވެރިކޮށް ދިރާސާކުރަމުން އަންނަ ޕެސިފިކް އިންސްޓިޓިއުޓުން މި ޙާދިސާތައް މައިގަނޑު ތިން ބަޔަކަށް ބަހާލާފައިވެއެވެ.
މީގެ ތެރޭގައި، ހަނގުރާމައިގެ ތެރޭގައި ގަސްދުގައި ނުވަތަ އޮޅިގެން ފެނުގެ ވަޞީލަތްތަކަށް ގެއްލުންދިނުމާއި، ފެން ތަދުވުމާއި، ހަމަހަމަކަމާއެކު ފެން ނުލިބުމުގެ ސަބަބުން އުފެދޭ ހަމަނުޖެހުންތަކާއި، އިދިކޮޅު ފަރާތްތަކަށް ގެއްލުންދިނުމުގެ ނިޔަތުގައި ގަސްދުގައި ފެން ކަނޑާލުމާއި، ފެން ތަޣައްޔަރުކުރުން ފަދަ ޢަމަލުތަކެވެ.
ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރިގައި ޔޫނިސެފްގެ ހިސާބުތަކަށް ބަލާއިރު، ޣައްޒާގެ 2.1 މިލިއަން މީހުންގެ ތެރެއިން 1.9 މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފައެވެ. އަދި ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ 90 އިންސައްތަ ވަނީ ސުންނާފަތިކޮށްފައެވެ. މިކަމުގެ ސަބަބުން ޣައްޒާގެ އާބާދީގެ 70 އިންސައްތައަށް ދުވާލަކަށް ބޭނުންވާ އެންމެ މަދު މިންވަރު ކަމަށްވާ ބޮލަކަށް 6 ލީޓަރުގެ ފެން ވެސް ނުލިބެއެވެ.
މެޑިސިންސް ސެންސް ފްރަންޓިއަރސް (އެމްއެސްއެފް) އިން ބުނި ގޮތުގައި ޣައްޒާގައި ފެނުގެ އަގު ވަނީ 500 އިންސައްތައަށް އުފުލިފައެވެ. މި ހާލަތުގެ ސަބަބުން ބޭރަށްހިންގުމާއި ހަމުގެ ބަލިތައް އާންމުވެ، ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ ފުރާނައަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ. މީގެއިތުރުން ހުޅަނގު އައްސޭރީގައި ވެސް ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ފެނުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
އީރާނުގައި، އެމެރިކާ އާއި ޔަހޫދީން ގުޅިގެން ދެމުންދާ ހަމަލާތަކާއި ވާރޭ ނުވެހުމުގެ ސަބަބުން ފެނުގެ ނިޒާމު އިތުރަށް ގޯސްވެފައިވާއިރު، އެ ޤައުމުގައި ހުރި ބޮޑެތި ފެން ސާފުކުރާ ކާރުޚާނާތަކަށް ވަނީ ގެއްލުން ލިބިފައެވެ. އީރާނުގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ މަޝްޙަދުގައި ފެން ރައްކާކުރާ ތަންތަނުގެ ފެންވަރު ވަނީ 3 އިންސައްތައަށްވުރެ ދަށްވެފައެވެ.
ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމައިގައި ފެނުގެ ނިޒާމަށް ދެވޭ ހަމަލާތަކުގެ ސަބަބުން، ޔޫކްރޭނުގެ 4.3 މިލިއަން މީހުންނަށް ފެނުގެ އެހީތެރިކަން ބޭނުންވެފައިވެއެވެ. އަދި 2023 ޖޫންގައި ކާހޮވްކާ ޑޭމަށް ލިބުނު ގެއްލުމާ އެކު މިހާރު 10 މިލިއަނަށް ވުރެ ގިނަ މީހުންނަށް ރައްކާތެރި ފެން ހޯދުމަށް ވަނީ ދަތިވެފައެވެ.
2023 އޭޕްރީލް އިން ފެށިގެން ސޫދާނުގެ އަސްކަރިއްޔާއާއި އާރުއެސްއެފް އާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި 12 މިލިއަން މީހުންގެ ގެދޮރު ގެއްލި، 30 މިލިއަނަށްވުރެ ގިނަ މީހުންނަށް އިންސާނީ އެހީ ބޭނުންވެފައިވާއިރު، ފެން ރައްކާކުރާ ނިޒާމުތަކަށް ދެވޭ ހަމަލާތަކުގެ ސަބަބުން އެ ޤައުމުގައި ކޮލެރާ ފަދަ ނުރައްކާތެރި ބަލިތައް ދަނީ ފެތުރެމުންނެވެ.
މީގެ އިތުރުން ޤަލްފުގެ ޤައުމުތަކުގައި ބޯފެނުގެ ބޮޑު އިންސައްތައެއް (ކުވޭތުގައި 90 އިންސައްތަ، އޮމާންގައި 86އިންސައްތަ، ސަޢޫދީ ޢަރަބިއްޔާގައި 70 އިންސައްތަ، ބަހްރޭންގައި 90 އިންސައްތަ، އަދި ޤަތަރުގައި 99 އިންސައްތަ) ލޮނުފެން ސާފުކޮށްގެން ބޯފެން އުފައްދާ ކާރުޚާނާތަކަށް ބަރޯސާވެފައިވާތީ، ހަނގުރާމައިގެ ސަބަބުން މި ސަރަޙައްދުގެ ފެނުގެ ރައްކާތެރިކަމަށް ވެސް ނުރައްކާ ވަނީ ބޮޑުވެފައެވެ.