މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ރާއްޖެއާއި ޕަލާއޫއިން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ޕަލާއޫގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް، ޏިގިރައިބެލަސް ތުމެތުޗުލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ، މިއަދު ފެށި "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް"ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ މެންބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ގުޅުން ބަދަހިކުރުމާއި ވުނަކުރުމުގެ ފުރުސަތުތައް، ސިޑްސް ޤައުމުތަކަށް ފަހިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލެއްވިއެވެ.
ސިޑްސް ޤައުމުތަކުން އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ބައިނަލްއަޤުވާމީ މަސްރަހުގައި ސިޑްސް ޤައުމުތަކުން ކުރާ ވަކާލާތު ވަރުގަދަ ކުރުމަށްޓަކައި، ޕަލާއޫއާއެކު ގާތުން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ދެމިއޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރު ކުރައްވާފައެވެ.
އޯގަސްޓް 23 އިން 25 އަށް ކުރިއަށްދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތައް، ޚާއްސަކޮށް އެޤައުމުތަކުގެ ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެހީ ފޯރުކޮށްދޭ ޤައުމުތަކާއި، ދިރާސާވެރިންނާއި، އެހެނިހެން ދާއިރާތަކުގެ ކަމާގުޅޭ ފަރާތްތަކުގެ ޙިއްސާ އިތުރުކުރުމަށް ބާއްވާ ފޯރަމެކެވެ.