ޚަބަރު

ނަޖިސް ނައްތާލާނެ ގޮތެއްނެތި ޣައްޒާގެ ރައްޔިތުން ޤަދީމީ ޒަމާނާ އެއް ހާލަތެެއްގައި


ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަހޫދީން އެ ސަހަރަށް ދޭން ފެށި ޢުދުވާނީ ހަމަލާތަކުގައި އެ ސަހަރުގެ 90 އިންސައްތައަށް ވުރެ ގިނަ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. އޭގެ ސަބަބުން ޣައްޒާގެ ކޮންމެ 10 ރައްޔިތެއްގެ ތެރެެއިން ނުވަ ރައްޔިތުންނަށް ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ.

ގެދޮރު ގެއްލުމުގެ ސަބަބުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ވަގުތީ ފޭލިގެތައް ޖަހައިގެން ދިރިއުޅެމުންދާ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ނަރުދަމާގެ ނިޒާމެއް ނެތުމާއި، އޭގެ ސަބަބަބުން ކުރިމަތިވާ ތަފާތު ގޮންޖެހުންތަކެވެ. މިއީ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް ތަކުރާރުކޮށް ކުރިމަތިލާން ޖެހިފައިވާ ދަތިކަމެކެވެ.

އުމުރުން 33 އަހަރުގެ އީމާން މަޙްމޫދު ޝާމިޔާއާއި އޭނާގެ ފިރިމީހާއާއި ފަސް ދަރިން ދިރިއުޅެނީ އެއް ފޭލިގޭގެ ތެރޭގައެެވެ. އީމާންގެ ފިރިމީހާއަކީ ފުއްޕާމޭގެ ކެންސަރުގެ ވޭން ތަހައްމަލް ކުރަމުންދާ މީހެކެވެ. އެ މީހުން ދިރިއުޅޭ ކޭމްޕުގައި ހުންނަ ވަގުތީ ފާޚަނާ ބޭނުން ކުރުމަކީ އީމާންގެ ފިރިމީހާއަށް ވަރަށް ދަތި އުނދަގޫ ކަމެކެވެ.

އީމާން އެ ފާޚަނާ ސިފަކުރީ އެންމެ ޤަދީމީ ޒަމާނުގެ ފާޚަނާއެއްގެ ގޮތުގައެވެ. އެ ފާޚަނާ ބޭނުން ކުރާ މީހުންނަށް، ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންނަށް، ފުރިހަމަ ނިވާ ކަމެއް ނުލިބޭ ކަމަށް އޭނާ ބުނެއެވެ. އެ ކޭމްޕުގައި ދިރިއުޅޭ އެންމެން ބޭނުންކުރާ އެ ފާޚަނާގެ ދޮރަކީ ފޮތިކޮޅެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން އިންސާނީ ކަރާމާތް ގެއްލެމުންދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ދުވަސްވަރު ޣައްޒާގައި ބޭނުންކޮށްފައިވާ ފާޚަނާ ތައްޓެއްގެ އަގު އުޅެނީ 503 އެމެރިކާ ޑޮލަރާއި 671 ޑޮލަރާ ދެމެދުގެ އަގެއްގައެވެ. މިއީ އަތް ފޯރާ އަގުތަކަކަށް ނުވާއިރު، ޣައްޒާގެ ރައްޔިތުންނަށް ވަނީ ޕްލާސްޓިކް ގޮނޑިއެއްގައި ލޯވަޅެއް އަޅައި ފާޚަނާ ތައްޓެއްގެ ގޮތުގައި ބޭނުން ކުރުމަށް މަޖުބޫރުވެފައެވެ. ކަނޑާފައިވާ ލޯވަޅާ ދިމާލަށް ހުންނަނީ ފަސް އަޅާފައެވެ.

ޣައްޒާގައި ފެން ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ. ބައެއް ސަރަޙައްދުތަކަށް ފެން ލިބެނީ ހަފްތާއަކު އެއް ފަހަރެވެ. ގިނަ ކޭމްޕުތަކުގައި ފާޚަނާ ކުރުމަށްފަހު ނަޖިސް ނައްތައިލުމަށް ބޭނުންކުރާނެ ނަރުދަމާގެ ނިޒާމެއް ނުހުރެއެވެ. ފާޚަނާ ކުރުމަށްފަހު ސާފުވުމަށް ބޭނުންކުރަން ޖެހެނީ ފެން ޖަހާ ހޮޅިއެއް ނުވަތަ ފެން ބާލިދީއެކެވެ. އަތްދޮވެ ސާފުކުރުމަށް ފެންފޮދެއް ނުލިބޭ ތަނުގައި ޓިޝޫއާއި ސެނެޓައިޒާ ފަދަ ތަކެތި ވެސް ނުލިބެއެބެ. އޭގެ ސަބަބުން ޣައްޒާގައި ބަލިތައް ފެތުރަމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެ ގޮތުން ބޭރަށް ހިނގުމާއި ހަމުގެ ބަލިތަކާއި ގޮހޮރުގެ މައްސަލަތައް ޣައްޒާގައި ދަނީ އާންމު ވަމުންނެވެ. މި ފަދަ ޞިއްޙީ މައްސަލަތައް އެންމެ ގިނައިން ކުރިމަތި ވަނީ ޣައްޒާގެ ކުޑަކުދިންނަށެވެ.

އިޤްތިޞާދީ މާހިރެއް ކަމަށްވާ ޢުމަރު ސަލޫހާ ވިދާޅުވީ ޣައްޒާއަށް ކުރިމަތިވެފައިވާ ފާޚަނާގެ ދަތިކަމުގެ މައިގަނޑު ސަބަބަކީ އިޤްތިޞާދަށް ގެއްލުންބޮޑު ‘ސަޕްލައި ޝޮކެެއް’ ކުރިމަތިވުން ކަމަށެވެ. އެ ޙާލަތު ކުރިމަތިވެފައި ވަނީ ފާޚަނާ ތައްޓާއި ސާފުތާހިރުވުމަށް ބޭނުންކުރާ ސާމާނާއި ފެން ވަޔަރުކުރާ ސާމާނު ފަދަ ތަކެތި ޣައްޒާއަށް އެތެރެކުރުމަށް ޔަހޫދީން ހުރަސް އަޅާމުންދާތީ ކަަމަށް އޭނާ ވިދާޅުވިއެވެ. ފާޚަނާތަށި ފަދަ ތަކެތި ޑިމާންޑު އޮތް ވަރަށް ވުރެ އެތައް ގުނައެއް މަދުން ލިބޭތީ އެ ތަކެތީގެ އަގު އާދަޔާ ޚިލާފަށް އުފުލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އދން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޣައްޒާގައި ސާވޭ ކުރި މީހުންގެ ދެ ބައި ކުޅަ އެއްބައި މީހުންނަށް ރައްކާތެރިކަމާއެކު ނަޖިސް ނައްތާލެވޭނެ ގޮތެއް ނެތް ޙާލަތެއްގައި ދިރިއުޅޭމުންދާ މީހުންނެވެ. އަދި އޭގެ ތެރެއިން 60 އިންސައްތަ މީހުން ދިރިއުޅޭ ސަރަޙައްދާ 10 މީޓަރު ދުރުގައި ނަޖިސް ހުންނަ ކަމަށް ވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. މިއީ ބަލިތައް ފެތުރުމަށް މެދުވެރިވާ މައިގަނޑު ސަބަބެކެވެ.